ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި ނިޔާވީ ގއ.ކަނޑުހުޅުދޫ އަންނާރުމާގޭ ޙަސަން މޫސާ ދީދީ (85 އ) އެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ ޙަސަން މޫސާ ދީދީ ހަރަކާތް ނުކުރާކަން ފާހަގަކުރެވިގެން އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިއުމުން ޑޮކްޓަރު ބެލުމަށްފަހު 9:55 ހާއިރު އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އޭނާ ނިޔާވީ ހިތްހުއްޓިގެންކަމަށް ބުނެފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
2 އަހަރުގެ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާ ގުޅިގެން 25 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ޙަސަން މޫސާ ދީދީއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ އެނދުމަތިވެފައިވާ މީހެކެވެ.
އޭނާއަކީ އަނިޔާ ލިބުނު 2 އަހަރު ކުއްޖާގެ މުނިކާފައެވެ.
އޭނާ ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.