މިއަދު ކުރިޔަށްމިދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ޖުމްލަ ގޮތެއްގައި ދަނީ ރަނގަޅަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
މިކަން ހާމަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، މިއަދު ހެނދުނު 8:00 ގައި ވޯޓު ލާން ފެށިއިރު 85 ޕަސެންޓު މަރުކަޒުތަކުން ވޯޓު ލާން ފެށިތާ 10 މިނެޓު ތެރޭގައި ވޯޓު ލުން ފެށިފައިވާ ކަމަށެވެ. އަދި ގަޑިއަށް ވޯޓުލުން ލަސްވި މަރުކަޒުތަކުގައި ވެސް ހެނދުނު 9 ޖެހި އިރު ވޯޓު ލާން ފެށި ކަމަށް އެ ޖަމިއްޔާ އިން ހާމަކުރެއެވެ.
ޓްރާންްސްޕޭރެންސީން ބުނީ ވޯޓުލުމުގެ ވަގުތު ޖެހުނު އިރު ހުރިހާ މަރުކަޒެއްގައި ވެސް ގަޑިއަށް އޮފިޝަލުން ހާޒިރުވި ކަމަށެވެ.
ހަަމަ އެހެންމެ ކެންޑިޑޭޓުންގެ މަންދޫބުން ވެސް ވޯޓު ލާ މަރުކަޒުތަކުގައި ތިބި ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ޓްރާންސްޕޭރެންސީން ބުނީ، ވޯޓު ލާ މަރުކަޒުތަކުގައި ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން ތިބި އިރު 90 ޕަސެންޓު މަރުކަޒުތަކުގައި މަދުވެގެން ތިން ކެނޑިޑޭޓުންގެ މަންދޫބުން ތިބި ކަމަށެވެ. އަދި 72 ޕަސެންޓު މަރުކަޒުގައި ޕީޕީއެން/ޕީއެންސީ ކެނޑިޑޭޓުންގެ މަންދޫބުން ތިރިބި އިރު 71 ޕަސެންޓު މަރުކަޒުގައި އެމްޑީޕީގެ ކެނޑިޑޭޓުންގެ މަންދޫބުން ތިބި ކަމަށެވެ.
މީގެ އިތުރުން ޓްރާންްސްޕޭރެންސީގެ އޮބްޒާވަރުންނާއި ހަވާލާދީ އެ ޖަމިއްޔާއިން ބުނީ 97 ޕަސެންޓް ފޮށިތައް ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށެވެ. ބާކީ ތިން ޕަަސެންޓު ފޮށިތައް ހުރި މަރުކަޒުތަކުގެ ވޯޓު ލުން ކުރިއަށްދާ ގޮތް އެ ޖަމިއްޔާގެ އޮބްޒާވަރުން ކައިރިން ބަލަމުން އަންނަ ކަމަށް އެ ޖަމިއްޔާ އިން ހާމަކުރެއެވެ.