އއ.ރަސްދޫ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އިދިކޮޅު ޕީޕީއެމްގެ އިންތިޚާބީ އޮފިޝަލުން އުސޫލާ ޚިލާފަށް އެތަނުން ބޭރުކުރިކަމަށް ބުނެ އެ ޕާޓީގެ ސަޕޯޓަރުން ގޮސް ވޯޓުލުން ހުއްޓުވައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 08:00 ގައި ނަމަވެސް 10:10 ހާއިރުން ފެށިގެން ރަސްދޫގައި ވަނީ ވޯޓުލުން ހުއްޓުވާފައެވެ.
މައުލޫމާތު ލިބޭ ގޮތުން ރަސްދޫ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިންތިޚާބީ އޮފިޝަލުން އެތަނުން ނެރެން އެންގީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މިދިޔަ އަންގާރަ ދުވަހު އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިއުމުންނެވެ.
ގަވާއިދުގައިވާ ގޮތުން އިންތިޚާބީ އޮފިޝަލުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.
އެ އޮފިޝަލުން ނެރެން އެންގުމުން ޕީޕީއެމް ސަޕޯޓަރުން ގޮސް އަޑުއުފުލައި މަރުކަޒަށް ވަންނަން އުޅުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައި މަރުކަޒު ބަންދުކޮށްފައެވެ.
ކަމާބެހޭ ފަރާތްތަކުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އަދި އަލުން ވޯޓުލާކަށް ނުފަށައެވެ.