އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކުރީގެ ގާތް އެކުވެރިޔާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވޯޓު ލައްވައިފިއެވެ.
ރައީސް ޞާލިޙް ވޯޓު ލެއްވީ ޅ.ހިންނަވަރު މީހުން ވޯޓުލުމަށް މާލޭގެ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަށެވެ. ރައީސް ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ ވޯޓު ދެއްވައިފައެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ރޫހީ ލީޑަރު ނަޝީދު ވޯޓު ލެއްވީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަކަށެވެ.
މި އިންތިޚާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުން މިހާރު ވަނީ ވޯޓު ލައްވައިފައެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމާއި އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫން ވެސް މިހާރު ވަނީ ވޯޓު ލައްވައިފައެވެ.