ވީހާވެސް އަވަހަށް ހުރިހާ އެންމެން ވެސް ވޯޓުލުމަށް ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓުލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ މިއަދަކީ ކޮންމެ ރައްޔިތެއްގެ ވެސް ގާނޫނީ ވާޖިބު އަދާކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އެގޮތުން އެ ވާޖިބު އަދާކުރުމަށް ވޯޓުލުމަށް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.
“އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް ވޯޓުދެއްވާ. ވީހާވެސް އަވަހަށް ވަޑައިގެން ވޯޓުދެއްވުމަކީ އަޅުގަނޑުމެން އެދޭ އެދުން.“
ހަވީރު ވަންދެން މަޑުނުކުރުމަށާއި 16:00 ގައި ވޯޓު ފޮށި ބަންދު ކުރާނެކަނ ވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ވީމަ އެއަށްވުރެ ކުރިން ހުރިހާ ރައްޔިތުންވެސް ސުލްހަވެރިކަމާއެކު ގާނޫނީ ވާޖިބު އަދާކުރުމަށް އެދިވަޑައިގެންނެވިއެވެ.