ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް، ރިޔާސީ އިންތިހާބުގެ ވޯޓު ލައްވައިފި އެވެ.
މިއަދު ހެނދުނު ވޯޓުލުން ފެށުމާއިއެކު ގާސިމް ވަނީ ވޯޓު ލާ މަރުކަޒަށް ވަޑައިގެން ވޯޓު ލައްވައިފަ އެވެ.
މީގެ އިތުރުން ޕީއެންސީގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވެސް ވަނީ މިއަދު ހެނދުނު ވޯޓު ލައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށި މިއަދު ހެނދުނު 8 ޖެހިއިރު އެވެ. މާލޭގެ ވޯޓުލާ ބައެއް މަރުކަޒުތަކުގައި މިއަދު ހެނދުނު 7 ޖެހީއްސުރެއް މީހުން ވަނީ ކިއު ހަދަން ފަށައިފަ އެވެ. ގިނަ މަރުކަޒުތަކުގައި ބަރާބަރު 8 ޖެހިއިރު ވޯޓު ލާން ވަނީ ފަށައިފަ އެވެ.
މިއަދު ހެނދުނު ވޯޓުލުން ފެށުނުއިރު އެންމެ ދިގު ކިއުއެއް އޮތީ ސޯޝަލް ސެންޓަރުގަ އެވެ. އެ ތަނުގައި ބަހައްޓާފައިވަނީ މާފަންނު އެކި ދާއިރާތަކުގެ ވޯޓު ފޮށިތަކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު އެއްވެސް ރަށެއްގައި ވޯޓުލާން ނުފެށޭ ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ. ރާއްޖެއިން ބޭރުގެ 4 ގައުމެއްގައިވެސް މިއަދު ވޯޓުލުން ކުރިއަށް ދާނެ އެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެ އެވެ. އާންމުކޮށް ރިޔާސީ އިންތިހާބުތަކުގައި ވޯޓު ލެވޭ ޖުމްލަ އާބާދީގެ 80 އިންސައްތައެއްހާ މީހުން ވޯޓު ލަ އެވެ. މިފަހަރުވެސް އެވަރުގެ އާބާދީއެއް ވޯޓު ލާނެކަމަށް އޮތީ ބެލެވިފަ އެވެ.
މިއަދު ނެގޭ ވޯޓުގައި 50 އިންސައްތައާއި އިތުރު އެއް ވޯޓު އެއްވެސް ކެނޑިޑޭޓަކަށް ނުލިބޭނަމަ ދެވަނަ ބުރެއް އޮންނާނެ އެވެ. އެންމެ ގިނަ ވޯޓު ލިބޭ ދެ ކެނޑިޑޭޓުންނާއިއެކު އެބުރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހެވެ.