ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށޭއިރު ވޯޓު ލާން މަރުކަޒަށް ދިޔުމުގެ ކުރިން އެނގެންޖެހޭ މުހިންމު ކަންތައްތަކެއް އެބަ ހުއްޓެވެ. އެކަމަކު އެންމެ ފުރަތަމަ މިފަހަރުގެ އިންތިހާބުގެ އަދަދުތަކަށް ބަލައިލާނަމެވެ.
- މިފަހަރުގެ އިންތިހާބުގައި ޖުމްލަ 282،395 މީޓުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވޭ
- މުޅިން އަލަށް ވޯޓު ލާނީ 27،000 މީހުން
- ވޯޓު ލާން ޖުމްލަ 604 ވޯޓު ފޮށި ބަހައްޓާނެ
- އިންތިހާބުގައި ވާދަކުރަނީ ޖުމްލަ 8 ކެނޑިޑޭޓުން
- ވޯޓުލާން ފަށާނީ ހެނދުނު 8:00 ގައި
- ވޯޓު ފޮށި ކައިރީގައި ހަދާފައި އޮންނަ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައި
ސަމާލުކަން ދޭންވީ ބައެއް ކަންކަން
- ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުން (އޭގެ ތެރޭގައި ހިމެނެނީ މުއްދަތު ހަމަނުވާ އައިޑީކާޑު، ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި ލައިސަންސް)
- ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެ
- ވޯޓު ލާ މަރުކަޒަށް އާދައިގެ ގަލަމެއް ވެއްދިދާނެ. (ކަޅު ނުވަތަ ނޫ ކުލައިގެ)
- ވޯޓު ފޮށި ކައިރީގައިވެސް ގަލަން ހުންނާނެ. ބޭނުންނަމަ ގަލަން ނުލައިވެސް ދެވިދާނެ.
- ކަޅު ނުވަތަ ނޫ ފިޔަވާ އިތުރު ކުލައިގެ ގަލަމެއް ވޯޓު މަރުކަޒަށް ނުވެއްދޭނެ. އެނޫން ކުލައަކުން ފާހަގަ ޖަހާފައިވާނަމަ އެ ވޯޓު ބާތިލުވާނެ.
- ވޯޓު ކަރުދާހުގައި ޖެހޭނީ އެއް ފާހަގަ. ގިނަ ފާހަގަ ޖަހާފައިވާނަމަ ބާތިލުވާނެ.
- ވޯޓު ކަރުދާހުގައި އެއްވެސް ކުރެހުމެއް ކުރަހާފައިވާނަމަ އެވޯޓެއް ބާތިލުވާނެ.
ވޯޓު ލާ މަރުކަޒުގައި ކުރުން މަނާ ކަންކަން
- ވޯޓު މަރުކަޒު ހުންނަ ސަރަހައްދުގައި ވަކި މީހަކަށް ވޯޓު ލާން ކެމްޕެއިނެއް ނުކުރެވޭނެ.
- ވޯޓު ކަރުދާހުގެ ފޮޓޯ ނުވަތަ ވީޑިއޯ ނުނެގޭނެ.
- ވޯޓު ކަރުދާސް އެހެން މީހަކަށް ނުދެއްކޭނެ.
- އީސީގެ އޮފިޝަލުންގެ ވާޖިބަށް ހުރަސް ނޭޅޭނެ.
- ވޯޓު ލާ މަރުކަރުގައި ހަމަނުޖެހުން އުފެއްދުމާއި، އަޑުގަދަ ނުކުރެވޭނެ.
- އެހެން މީހެއްގެ ނަމުގައި ވޯޓެއް ނުލެވޭނެ.
- ލައިގެން ދާ އަންނައުނުގައި ނުވަތަ ހިފައިގެންދާ އެއްޗެއްގައި ވަކި ކެނޑިޑޭޓެއްގެ ކެމްޕެއިން ލޯގޯއެއް، ފޮޓޯއެއް ނުވަތަ ސްލޯގަންއެއް ބޭނުން ނުކުރެވޭނެ.
ވޯޓު ލާން ދާން ޖެހޭ މަރުކަޒު ކަށަވަރު ނުވާނަަމަ އީސީގެ ވެބްސައިޓު މެދުވެރިކޮށް މަރުކަޒު ބަލައިލެވޭނެ އެވެ. ނޫންނަމަ އެސްއެމްއެސް މެދުވެރިކޮށްވެސް ވޯޓު މަރުކަޒު ބެލޭނެ އެވެ. މަރުކަޒު ބެލުމަށް VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވައި އައިޑީކާޑު ނަމްބަރު ޖައްސަވާށެވެ. އަދި 1414 އަށް އެސްއެމްއެސް ކުރައްވާށެވެ.
ވޯޓު ލުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އެކެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހު ގައުމުގެ ވެރިކަން ކުރައްވާނެ ބޭފުޅަކު އިންތިހާބު ކުރުމަށް ތިބާގެ އަޑު ވޯޓުގެ ޒަރިއްޔާއިން އިއްވާށެވެ. ވެރިކަމަށް އިންތިހާބު ވާނީ ވޯޓު ލާ މީހުންގެ 50 އިންސައްތަ އާއިއެކު އެއް ވޯޓު އިތުރަށް ލިބިގެންނެވެ. އެހެންކަމުން އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެ އެވެ.