ގޫގުލް ކްރޯމްގެ 15 ވަނަ އުފަންދުވަހާއި ގުޅިގެން މިވަނީ ހިތްގައިމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ބްރައުޒާއަށް ކަސްޓަމަރުންގެ ސެކިއުރިޓީ ރަނގަޅު ކުރުމުގެ މަގުސަދުގައި އާ ފީޗާތަކެއް މިހާރު ލިބިގެން ދާނެއެވެ.
މި އެޕްލިކޭޝަނަށް އާ ޑިޒައިންއެއް ލިބިފައިވާއިރު، ކަސްޓަމައިޒަބަލް ކަލަރ ޕެލެޓްސްވެސް ގެނެސްދެއެވެ. އަދި އޭއައި ޕަވަރޑް އެކްސްޓެންޝަންތަކާއެކު ރީޑިޒައިންކޮށްފައިވާ ކްރޯމް ވެބް ސްޓޯރަކާއި، ނުރައްކާތެރި ސައިޓްތަކާއި ފައިލްތައް އޮޓޮމެޓިކުން ފްލެގް ކޮށްދޭނެ ރަނގަޅު ސޭފް ބްރައުޒިންއެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ގޫގުލް ސާޗް ސައިޑް ޕެނަލް ޓޫލްބާއަށް ޕިން ކުރުމުގެ ފުރުސަތު ފަހިކޮށްދީ ވެބް ސާފިން އަށް ވެސް ލުއި ގޮތްތަކެއް ލިބޭނެއެވެ.
ގޫގުލް އިން ދާދި ފަހުން ކުރި ބްލޮގް ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ތަނުގައި ކްރޯމް އަށް ޑެސްކްޓޮޕް ރީޑިޒައިން އެއް ލިބޭނެ ކަމަށެވެ. މި އަޕްޑޭޓްގެ ސަބަބުން ރިފްރެޝްޑް އައިކަންތައް ރަނގަޅު ލެޖިބިލިޓީ އާއި އޯޕަން ޓެބްތަކާއި ޓޫލްބާއާ އެއްގޮތްވާ އާ ކަސްޓަމައިޒޭބަލް ކުލަ ޕެލެޓްތައް ގެނެސްދޭނެ އެވެ. މި އާ ތީމްތަކާއި ކުލަ ޕެލެޓްތަކުގެ ސަބަބުން ޕްރޮފައިލްތަކުގެ މެދުގައި އެއް ފަހަރާ ތަފާތު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޓެކް ޖަޔަންޓް އިން ބުނެ އެވެ. މީގެ އިތުރުން ގޫގުލް އިން ކްރޯމް އެކްސްޓެންޝަންތަކަށް ފަސޭހައިން ވަދެވޭނެ އިތުރު ފުރިހަމަ މެނޫއެއް ވެސް ހިމަނާނެ އެވެ.
އެންމެ ފަހުގެ އަޕްޑޭޓްގެ ދަށުން ކްރޯމް ވެބް ސްޓޯރު ވެސް ވަނީ އަލުން ޑިޒައިންކޮށްފަ އެވެ. ގޫގުލް އިން ވަނީ އެޑިޓަރުންގެ ސްޕޮޓްލައިޓް ޕިކްތަކަށް ވެސް ސެކްޝަނެއް އިތުރުކޮށްފަ އެވެ.
މީގެ އިތުރުން ގޫގުލް އިން އަންނަނީ ވެބް ސާފިން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ އާ ސާޗް ފީޗާތަކެއް ވެސް ތައާރަފު ކުރަމުންނެވެ. މި އަޕްޑޭޓްގެ ސަބަބުން އެކަމާ ގުޅުންހުރި ސާޗްތައް ހޯދުމަށާއި، ޕޭޖެއްގެ ސޯސްއަށް އެކްސެސް ކުރުމަށް ނުވަތަ ގޫގުލް ސާޗް ސައިޑް ޕެނަލް މެދުވެރިކޮށް އެހެން ސާޗްއެއް ފެށުމަށް ފަސޭހަވެގެންދާނެ އެވެ. މިކަން ކުރުމަށް ތްރީ ޑޮޓް މެނޫގައި ޓެޕްކޮށްލާނީއެވެ. އަދި ޓޫލްބާގައި ވާ ގޫގުލް ސާޗް ސައިޑް ޕެނަލް ވެސް ޕިން ކުރެވޭނެ އެވެ.
ކްރޯމް އަށް މުހިންމު ސެކިއުރިޓީ އަޕްގްރޭޑެއް ވެސް ލިބެމުން އަންނަ އިރު، ބްރައުޒާއަށް އޮޓޮމެޓިކުން ރައްކާތެރި ނޫން ޕޭޖްތައް ނުވަތަ ފައިލްތައް ފްލެގް ކުރެވޭނެ އެވެ. ގޫގުލް އިން ބުނަނީ މި ބަދަލުގެ ސަބަބުން ސޭފް ބްރައުޒިންގެ ކުރީގެ ވާޝަނާ އަޅާބަލާއިރު މެލްވެއާ އަދި ފިޝިންގެ ނުރައްކާތަކުން ރައްކާތެރިކަން 25 ޕަސެންޓް ރަނގަޅުވެގެންދާނެ ކަމަށެވެ.