ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޖީ-20 ގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމުގައި މަޝްވަރާކުރާ ފަރާތްތަކުން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ހޯސްޓް އިންޑިއާ އިން ބުނެފި އެވެ.
އާންމުގޮތެއްގައި ހަލަބޮލިވެފައިވާ ވެރިރަށް ނިއު ދިއްލީގެ މަގުތައް ސަމިޓްގެ ކުރިން ވަނީ ހުސްކޮށްފައެވެ. އެ ގައުމުން ބާއްވާ އެންމެ މަތީ ފަންތީގެ ބައްދަލުވުން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން ވިޔަފާރިތަކާއި އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.
ކުއްތާ ތަކާއި ރާމާމަކުނު ތަށްވެސް ވަނީ މަގުމަތިން ނަގާފައެވެ.
އިންޑިއާގެ ޖީ-20 ޝެރްޕާ ނުވަތަ މަޝްވަރާވެރިޔާ އަމީތާބް ކާންޓް ވިދާޅުވީ ސަމިޓް ނިންމުމުގެ ބަޔާނެއް ކަމަށްވާ ލީޑާސް ޑެކްލަރޭޝަނަކީ ދުނިޔޭގެ ދެކުނު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ”އަޑަކަށް“ ވާނެ ކަމަށެވެ.
”ނިއު ދިއްލީ ލީޑާސް ޑެކްލަރޭޝަން މިހާރު އޮތީ ގާތްގަނޑަކަށް ތައްޔާރުވެފައި، އަޅުގަނޑު ބޭނުމެއް ނޫން އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާކަށް،“ ނޫސްކޮންފަރެންސެއްގައި ކާންޓް ވިދާޅުވި އެވެ. ”މި ޑޮކިއުމެންޓް ލީޑަރުންނަށް ރިކޮމެންޑް ކުރާނެ.“
ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، 20 ބޮޑެތި އިގްތިސާދުތަކުގެ ގްރޫޕްގެ މަޝްވަރާވެރިން، އެ ލިޔުމުގައި ވާ ބަހާ މެދު އެއްބަސްވުމަށް އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރަމުން އަންނައިރު، މޮސްކޯ އާއި ބެއިޖިން ގުޅިގެން، ދަރަނި އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ވެސް ހައްލެއް ލިބިގެންދާނެ ފަދަ ޑޮކިއުމެންޓެއް އުފެއްދުމުގެ އުއްމީދުގަ އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ހަފުތާ ބަންދުގެ ސަމިޓަކީ ހުޅަނގާއި އެ ގައުމުގެ ބައިވެރިންގެ އަޣުލަބިއްޔަތު އޮންނަ ސަމިޓެއް ކަމަށް ބެލެވެ އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެން، އޭގެ ބަދަލުގައި ބޮޑުވަޒީރު ލީ ކިއާންގް ފޮނުއްވަމުން ގެންދަވާއިރު، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެސް ބައިވެރިވެވަޑައިނުގަންނަވާނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޯލްޒް، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން، އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް، ސައުދީ އަރަބިއްޔާގެ މުހައްމަދު ބިން ސަލްމާން އަދި ޖަޕާނުގެ ފުމިއޯ ކިޝިދާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.