ހުޅުމާލެ ބަނދަރަށް ވަންނަ ނެރު ކައިރީ ދެ ލޯންޗް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ މި އެކްސިޑެންޓް ހިނގީ މިރޭ 8:00 ހާއިރު ހުޅުމާލެ ބަނދަރަށް ވަންނަ އޮންނަ ނެރު ކައިރީގައެވެ.
މި ހާދިސާގައި އެކްސިޑެންޓްވި އެއް ލޯންޗަކީ ޖޯއީ އައިލެންޑުން ފަތުރުވެރިން ގޮވައިގެން އެއާޕޯޓަށް ދާން ދަތުރު ކުރި ލޯންޗެކެވެ. އަދި މި ލޯންޗުގައި 13 ފަތުރުވެރިންނާއި ތިން ފަޅުވެރިން ތިބި ނަމަވެސް މިތަނުން އެއްވެސް މީހަކަށް މާ ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މީގެ އިތުރުން މި ލޯންޗުގައި ތިބި އެންމެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްގެ މެސެޖުގައިވެއެވެ.
އެމްއެންޑީއެފް އިން ބުނީ އެކްސިޑެންޓްވި ދެވަނަ ލޯންޗަކީ ލިއޯ ޓްރޭޑިން ކުންފުނީގެ ލޯންޗެއް ކަމަށެވެ. މި ލޯންޗުގައި ތިބި 10 މީހުންގެ ތެރެއިން އަށް މީހުންނަކީ އެ ކުންފުނީގެ މުވައްޒަފުންނެވެ. އަނެއް ދެ މީހުންނަކީ ލޯންޗުގެ ފަޅުވެރިންނެވެ.
މި ލޯންޗުގައި ތިބި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ލޯންޗު ދުއްވަން އިން މީހާގެ ހާލު ވަކިން ބޮޑަށް ސީރިއަސް ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ.