ދީނާއި ގައުމުގެ މަސްލަހަތުގައި އިޚުތިޔާރު ކުރެވޭނޭ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ކަމަށް ރާއްޖޭގެ އިތުބާރުކުރެވޭ ރަނގަޅު ގިނަ އިލްމުވެރިން ނިންމަވާފައިވާތީ އޭނާގެ ނަސޭހަތް ގަބޫލުކުރާ ކޮންމެ މީހަކު ވެސް އެގޮތަށް އަމަލުކުރުމަށް އައްޝައިޚް އާދަމް ނިޝާން ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ޝައިޚް ނިޝާން މިއަދު ހަވީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދު މި ގައުމުގެ ވެރިކަމުގައި ތިބި ފަރާތްތަކުން ސެކިއުލަރ އަލްމާނީ ފިކުރު ފަތުރައި އިސްލާމްދީނުގެ އަސްލުތައް އޮޅުވާލައި އެމްޑީއެންގެ ލާދީނީ ރިޕޯޓުގައިވާ ގޮތަށް ސިޔާސަތުތަކާއި ގާނޫނުތަކާއި ޝަރުއީ ނިޒާމާއި ތައުލީމީ ނިޒާމާއި އެނޫން ވެސް ދާއިރާތަކަށް ބާރު ސްޕީޑްގައި ބަދަލުތައް ގެންނަމުންދާކަން ފާހަގަ ކުރައްވައިފައެވެ.
އަދި ސިއްރު އެއްބަސްވުންތައް ހަދައިގެން އިންޑިއާގެ ސިފައިން ގެނެސް މި ގައުމުގައި ބައިތިއްބައި އެމީހުންގެ ނުފޫޒު މުޅި ދައުލަތުގެ ހުރިހާ ކަމެއްގެ މައްޗަށް ފޯރުވައި މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ހިސާބަށް ގޮސްފައިވުމާއިއެކު މި ދަނޑިވަޅުގައި މިކަންކަން މައިތިރިކޮށް ހުއްޓުވުމަކީ ކޮންމެހެންވެސް ކުރުން ލާޒިމުކަމަކަށްވާއިރު މިވެރިކަން ބަދަލުކޮށްގެން ނޫންގޮތަކަށް އެކަން ކުރެވެން ނެތްކަމަށް ވިދާޅުވިއެވެ. އަދި މި އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި އިސްލާމީ ފުރިހަމަ ހަމަތަކާއި އުސޫލުތަކުގެ މަތިން ވެރިކަން ކުރާނޭ/ކުރެވޭނޭ ހަމަ އެކަކުވެސް ނެތް ހިނދު ވެސް މި ދަނޑިވަޅުގައި ދީނާއި ގައުމުގެ މަސްލަހަތުގައި އިޚްތިޔާރު ކުރެވޭނޭ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޑރ.މުޢިއްޒު ކަމުގައި ރާއްޖޭގެ އިތުބާރުކުރެވޭ ރަނގަޅު ގިނަ ޢިލްމުވެރިން ނިންމަވާފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން އޭނާގެ ބަސް/ނަސޭހަތް ގަބޫލުކުރާ ކޮންމެ މީހަކު ވެސް އެގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ.
“އެއީ އެއްވެސް ހާލެއްގައި ޑިމޮކްރަސީއާއި ޕާޓީ ސިސްޓަމަށް އަދި ޕީއެންސީ ނުވަތަ ޕީޕީއެމްއަށް އަޅުގަނޑު ތާޢީދުކުރާތީއެއް ނޫނެވެ. އަދި އެބޭފުޅުން ކުރަމުންދާ ހުރިހާ ކަމެއް ރަނގަޅުވެގެނެއްވެސް ނޫނެވެ. އެބޭފުޅުންނަށް އޮތް ނަސޭހަތަކީ الله އަށް ފުރިހަމައަށް ބިރުވެތިވެ ދީނާއި ޚިލާފު އެންމެހައި ކަމަކުން ދުރުހެލިވެ ﷲ ތަޢާލާ އެންގެވި ގޮތަށް ވެރިކަން ކުރުމަށް މަސައްކަތް ކުރުމަށެވެ.“
ޑރ.މުޢިއްޒަށް ތާއީދުކުރާ ކަމާއި އޭގެ ސަބަބު ހާމަކުރައްވައި ރާއްޖޭގެ 100 އިލްމުވެރިއަކު ގުޅިގެން ވަނީ ބަޔާނެއް ނެރުއްވައިފައެވެ.
އެ ބަޔާނުގައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން އެންމެ ގާބިލު ޚުލްގު ހެޔޮ ކެންޑިޑޭޓަކީ ޑރ.މުޢިއްޒު ކަމުގައި އެބޭފުޅުން ދެކެވަޑައި ގަންނަވާކަން ފާހަގަކުރައްވައިފައެވެ