ފޭކު ނޫޓުތަކެއް ކަމަށްބުނެ ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިވާ ނޫޓަކީ ސައްހަ ނޫޓެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ފޭސްބުކްގައި އަލީ ރަމީޒު އިއްޔެ ވަނީ ދެ ސައިޒެއްގެ 500 ރުފިޔާގެ ދެ ނޫޓު ހިއްސާ ކޮށްފަ އެވެ. އަދި ބުނީ ސައިޒު ކުޑަ ނޫޓަކީ ފޭކު ނޫޓެއް ކަމަށާއި އެ ނޫޓުތައް ބާޒާރުގައި ދައުރު ކުރަމުން ދާކަމަށެވެ.
މިކަން ދޮގުކޮށް އެމްއެމްއޭއިން ބުނީ ދައުރުވަމުންދާ 500 ރުފިޔާގެ ނޫޓު އެ އިދާރާއަށް ގެންގޮސް ޗެކްކޮށް އޭގެ ސައްހަކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި ނޫޓުތަކުގެ ސައިޒުގައި އެކި ބެޗުތަކުގައި ކޫޑަ ތަފާތެއް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ބުންޏެވެ.
ރިޔާސީ އިންތިހާބާއި ދިމާކޮށް އެކި ބޭނުންތަކުގައި މިދުވަސްވަރު ނަގުދު ފައިސާ ދައުރު ކުރަމުން ދާއިރު ފޭކު ނޫޓުގެ ބިރު އެބަ އޮތެވެ. މިސަބަބަށްޓަކައި ފޭކު ނޫޓަށް ސަމާލުވާން ޖެހިފައިވަނިކޮށް ސޯޝަލް މީޑިއާގައި އެފަދަ މައުލޫމާތެއް ހިއްސާ ކުރުމުން ގިނަ ބަޔަކު ކަންބޮޑުވި އެވެ.