އެމްޑީޕީގެ ކޯލިޝަނުގައި ބުންވަރު އެބަހުރި ކަމަށާއި ”ބޭސް ކާނީ މިކަން ނިންމާފައި“ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފ.އަތޮޅު ނިލަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ކޯލިޝަނުގައި ބުންވަރާއި ހިތްވަރާއި ކެރުން އެބަހުރި ކަމަށާއި ރޭ އައްޑޫ ސިޓީގައި ތިއްބެވުމަށްފަހު މިއަދު މި ތިއްބެވީ ނިލަންދޫގައި ކަމަށެވެ.
”އަދި ނިދާނެ ކަމެއް ނެތް ތިބޭފުޅުންނެއް, މިރޭ ވެސް ކުރިއަށް ގެންދަންވީ މި ހަތްގަޑިއިރު ކެމްޕޭން ކޮށްފައި މާދަމާ ވޯޓު ލަންދެން. އެއަށްފަހުގައި ކުރާނެ ކަމެއް ކުރާނީ.“
”ހަމަގައިމު ވެސް އަޅުގަނޑު ބޭސް ކާނީ މިކަން ނިންމާފައި“ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މާދަމާ ނުކުމެ އެންމެން ވެސް ކެންޑިޑޭޓް ނަންބަރު 3 އަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.