މޮޅުވިޔަސް އަދި ބަލިވިޔަސް މިފަހަރު އޭނާގެ ޗޮއިސްއަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުކަމަށް އައްޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.
މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒަށް ތާއީދުކުރައްވަން ނިންމެވިކަން ޝައިޚް ޒައިދު އިއުލާނުކުރެއްވީ އިއްޔެގައެވެ.
މިގޮތަށް ނިންމީ މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ.މުޢިއްޒު ކަމުގައި ގަބޫލުކުރެވޭތީކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް ޒައިދު ވިދާޅުވިއެވެ.
މީގެކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން ގެންދެވި ޝައިޚް ޒައިދުގެ މި ނިންމެވުމާ ގުޅިގެން އޭނާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ޒައިދު ވިދާޅުވީ މޮޅުވިޔަސް އަދި ބަލިވިޔަސް މިފަހަރު އޭނާގެ ޗޮއިސްއަކީ ޑރ.މުޢިއްޒު ކަމަށެވެ.
”އަޅުގަނޑަކަށް މޮޅުވާކޮޅެއް, ދެރަވާކޮޅެއް މުހިންމެއްނޫން.“
މުހިންމީ ޒަމީރު ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކުގެ މަތީގައި އެންމެ ރަނގަޅު ކެނޑިޑޭޓެއް އިޚްތިޔާރުކުރުން ކަމަށް ޒައިދު ވިދާޅުވިއެވެ.