އިދިކޮޅު ޕީީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ އެންމެ ފަހު ހަރަކާތް މިއަދު ހަވީރު ބާއްވަން ހަމަޖެހިއްޖެއެވެ.
އެ ކޯލިޝަނުން ބުނީ މިއީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާއި ދިވެހި ރައްޔިތުން އިންތިޒާމު ކުރާ ހިނގާލުމެއް ކަމަށެވެ.
އެގޮތުން މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:45ގައި އާރޓްފިޝަލް ބީޗުންނެވެ.
މި ހިނގާލުމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުއާއި، ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފްވެސް ބައިވެރިވާނެއެވެ.
އެ ކޯލިޝަނުން ބުނީ މާލޭގައި ބާއްވާ ބޮޑު ހިނގާލުމުގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ކެމްޕޭން ނިންމުމަށް އެކި ހަރަކާތްތައް ދަނީ ރާވަމުން ކަމަށެވެ.
މި ހިނގާލުމަކީ އެ ކޯލިޝަނަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވާ ބޮޑު ހިނގާލުމެކެވެ.
އެ ކޯލިޝަނުން ބުނީ މި ހިނގާލުމުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މާދަމާ ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރުމުގެ ސުންގަޑިއަކީ މިއަދު އިރުއޮއްސި 6:00 އެވެ. އޭގެ ފަހުން ކެމްޕޭންގެ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.