ގްރީސްގައި ފެންބޮޑުވުމުގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާތަކުގެ ތެރޭގައި ގެއެއް ފުރޮޅާލައި އެގައުމަށް ހަނީމޫނަށް ދިޔަ އޮސްޓްރިއާގެ ދެމަފިރިއަކު ގެއްލިއްޖެއެވެ.
ގްރީސްގެ އެމަޖެންސީ ސާވިސަސް އިން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އެ ދެމަފިރިންނާއި ގެއްލުނު އިތުރު އެތައް ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގްރީސްގެ މެދުތެރޭގެ ސަރަހައްދުތަކުގައި މޫސުންގޯސްވުމުގެ ސަބަބުން މުޅި އަވަށްތަކުގައި ފެންބޮޑުވެ، ގެތަކުގެ ފުރާޅުމަތީގައި ގިނަބަޔަކު ވަނީ ތާށިވެފައެވެ.
މި ހަފުތާގައި ގްރީސް، ތުރުކީ އަދި ބަލްގޭރިއާއަށް ތޫފާން ޑެނިއަލް އެރި ފަހުން އެތައް ބަޔަކު މަރުވެފައިވާ ކަން މިހާރު ވަނީ އެނގިފަ އެވެ.
ދެމަފިރިން ތިބި އެކޮމަޑޭޝަންގެ ވެރިޔާ ތަނާސިސް ސަމާރަސް ވިދާޅުވީ، ގްރީސްގެ މެދުތެރޭގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދިޔުމުގެ ސަބަބުން އެ ދެމަފިރިން ކުއްޔަށް ހިފާފައިވާ ބަންގްލޯގެ ތެރޭގައި ތިބީއެވެ.
ނަމަވެސް ޕެލިއަން ފަރުބަދަ ކައިރީގައި އޮންނަ މި ބީޗް ރިސޯޓުގައި ފެންބޮޑުވުމުގެ ސަބަބުން މީހުންތަށް މޫދަށް ކަހާލީ ކަމަށް އޭނާ ބީބީސީއަށް ކިޔައިދިނެވެ.
އޭނާ އާއި އެހެނިހެން މެހެމާނުން އުސް ބިންތަކަށް ބަދަލުވިއެވެ. އަދި އެ ދެމަފިރިންނަށްވެސް އޭނާ އާއިއެކު ދިޔުމަށް ވަނީ އެދިފައެވެ.
”ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އެކަހަލަ ހިނދުކޮޅެއްގައި ކަން ކުރަންވީ ގޮތް ކަނޑައެޅުމަކީ ވަރަށް އުނދަގޫ ކަމެއް،“ ސަމާރަސް ބުންޔެވެ.
އޭނާ ބުނީ އޮސްޓްރިއާގެ ސިޓީއެއް ކަމަށްވާ ގްރާޒްއަށް ނިސްބަތްވާ މި ދެމަފިރިން ކައިވެނި ކުރީ ޗުއްޓީ އަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކަމަށެވެ.
ގްރީސްގެ ފަޔަރ ބްރިގޭޑުން ބުނީ ދެމަފިރިން ހިމެނޭގޮތަށް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި ޓީމެއް އޮތް ކަމަށެވެ.
ގްރީސްގެ ބައެއް ސަރަޙައްދުތަކަށް މިފަހަކަށް އައިސް 800 މިލިމީޓަރު (31.5 އިންޗި) އާ ހަމައަށް ވާރޭ ވެހިފައިވެއެވެ.