ކޮންޓެކްސްޓުން ބޭރުގައި ޤުރުޢާނުގެ އާޔަތްތައް ބޭނުންކުރުން ޢާންކަމަކަށް ހެދުމަކީ ޤުރުޢާނަށް ފުރައްސާރަ ކުރުން ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ރައްދު ދެެއްވައިފިއެވެ.
މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ޕްރޮފެސަރު ޙުސައިން އުގެއިލް މިއަދު ވިދާޅުވުމުން އެކަމާ ކީރިތި ޤުރުޢާނާ ގުޅުވައި އިޔާޟް ވަނީ ޓުވީޓެއް ކުރައްވައިފައެވެ.
“ފަހެ ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ ތިޔަބައިމީހުން ޢިލްމުގެ އަހްލުވެރިންނާއި ސުވާލު ކުރާށެވެ!“ އައްނަޙްލު ގެ 43 ވަނަ އާޔަތާއި އަލްއަންބިޔާގެ 7 ވަނަ އާޔަތުުގެ މާނައިގައިވާ ކަމަށް އިޔާޟް ލިޔުއްވާފައިވެއެވެ.
އެގޮތުން ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ އިޝާރާތް ކޮށްފައިވާ އާޔަތްތަކުގައި އެވަނީ މީސްތަކުންނަށް ނޭގޭ ތަޚައްޞުޞީ (ސްޕެޝަލައިޒްޑް ) ކަންތައްތަކުގައި ތަފާތު ޢިލްމުތަކާއި ފަންނު ތަކުގައި ތަޚައްޞުޞް ވެވަޑައިގެން ތިއްބެވި ކަމާ ބެހޭ ޢިލްމާއި ތަޖުރިބާގެ އަހްލުވެރިންނާ ސުއާލުކޮށް ދެނެގަތުމުގެ ވާހަކަ ކަމަށެވެ.
“ވެރިން އިޚުތިޔާރުކުރުމުގެ ބާބަކީ ބުނެވުނު އާޔަތްތައް އެޕްލައި ކުރެވޭނެ ބާބެއް ނޫން. ވެރިން އިންތިޚާބު ކުރުމަކީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ ރައްޔިތެއްގެ އަސާސީ ހައގެއް. އެއްވެސް މީހެއްގެ ޝަޚްޞީ ރައުޔަކީ އެއަށް އަސަރުކުރާނެ ރައުޔެއް ނޫން.“
އެހެންކަމުން ކޮންޓެކްސްޓުން ބޭރުގައި ޤުރުޢާނުގެ އާޔަތްތައް ބޭނުންކުރުން އާންކަމަކަށް ހެދުމަކީ މާތް الله ގެ ކަލާމްފުޅަށް ފުރައްސާރަ ކުރުން ކަމަށް ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.