ވޯޓުލާއިރު ސަމާލުކަން ދޭންވީ ދިވެހިންގެ މިނިވަންކަން ހިމާޔަތް ކުރުމަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭންގައި މިއަދު ހަވީރު ވިލިމާލެއަށް ވަޑައިިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމުގެ ސިފައިންނަށް ތިބެވި، އަޑިނޭގޭ އެއްބަސްވުންތައް ހަދައިގެން އުޅުމަކީ ޖާގަ ދޭނެ ކަންކަމެއް ނޫން ކަމަށާއި
ވޯޓުލާއިރު ރައްޔިތުން ސަމާލުކަން ދޭންވީ ދިވެހިންގެ މިނިވަންކަން ހިމާޔަތް ކުރުމަށް ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބިކަން ރައީސް ޞާލިހުވެސް ގަބޫލު ކުރައްވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ރައީސް ޞާލިހަށް ވެސް އެމީހުން މި ޤައުމުން ބާލަން ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ކުރަން ނުކެރޭ ކަމަށެވެ.
ގަންޖިފަރާސް ލިޔަސް، ޓީޝާޓް ލިޔަސް އިންޑިޔާ ސިފައިން ވާނީ އިންޑިޔާ ސިފައިންނަށް ކަމަށާއި އެމީހުންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިހާރުވެސް އަޑުތައް އިވޭ ގޮތުގައި އިންޑިއާއަށް އައްޑޫއާއި، ހަނިމާދޫ އިންޓަރ ނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރާ މަތިން އުމުރު ދުވަހަށް ބޮޑު ބިމެއް ދޭން އުޅޭކަމަށެވެ. އެހެންކަމުން މިއީ މިނިވަން ކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.