ބ.ކެޔޮދޫގައި ވެލާތަކެއް ފަޅައި ކެއްކުމުގައި ބައިވެރިވި މީހުންގެ ޖޫރިމަނާ 33,000 ރުފިޔާއަށް ކުޑަކޮށްދީފިއެވެ.
މިދިޔަ ފެބްރުއަރީގައި ކެޔޮދޫގައި ވެލާތަކެއް ފަޅައި ކެއްކި މައްސަލާގައި 7 މީހަކު 198,000 ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގީ ޖޫން 20 ގައެވެ.
ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް އެއިން އެކަކު ވެސް ޖޫރިމަނާ ދައްކާފައެއް ނުވެއެވެ.
އީޕީއޭއިން މިއަދު ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އެ ފަރާތްތަކާ ޖޫރިމަނާ ކުރެވުނުކަން އެންގި ސިޓީތައް ހަވާލުކުރުމަށް މަސައްކަތްކުރެވިފައިވީ ނަމަވެސް އެ ފަރާތްތަކުން އެ ސިޓީތަކާ ހަވާލުވާން އިންކާރުކުރި ކަމަށެވެ.
އީޕީއޭއިން ބުނީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް އެ ފަރާތްތަކުން މި އެޖެންސީން އެ ފަރާތްތައް ކޮށްފައިވާ ޖޫރިމަނާއާ ގުޅޭގޮތުން ސިޓީތަކެއް ފޮނުއްވާފައިވާތީ އެ މައްސަލަ ބައްލަވަމުން ގެންދަވާކަން 23 ޖުލައި 2023 ގައި އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. މީގެއިތުރުން ބ.ކެޔޮދޫގައި އެ ފަރާތްތައް ވެލާތަކަކަށް ގޯނާކުރުމާ ގުޅިގެން މި އެޖެންސީން ކޮށްފައިވާ ޖޫރިމަނާ އަލުން މުރާޖާކުރުމަށް ފެންނަކަމަށް އެ އެޖެންސީގެ ގަވަރނިންގ ބޯޑުން މިނިސްޓްރީއަށް ލަފާދެއްވާފައިވާތީ މިނިސްޓްރީން އެ ޖޫރިމަނާގެ މައްސަލައިގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައިވާ ކަމަށެވެ.
އަދި މި ޖޫރިމަނާއާ ގުޅިގެން 06 ސެޕްޓެމްބަރު 2023 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީގައި ވަނީ ގުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ ޖޫރިމަނާކުރެވޭނީ 30,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާތީ އަދި އެ ގަވާއިދުގައި ގޯނާކުރި ތަކެތީގެ އަދަދަށް ބަލައި ޖޫރިމަނާކުރެވޭ އަދަދު އިތުރު ކުރުމުގެ އުސޫލެއް ކަނޑައަޅާފައިނުވާތީ ކެޔޮދޫގައި ވެލަޔަށް ގޯނާކުރިކަމުގެ ހެކި ލިބިފައިވާ ކޮންމެ ފަރާތެއް ވެސް ޖޫރިމަނާކުރެވޭނީ 30,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުންކަމަށް ފެންނަކަމަށް ލަފާދީފައި ކަމަށެވެ.
އެހެންކަމުން އެއިން ކޮންމެ މީހަކު 33,000 އިން ޖޫރިމަނާކުރެވިފައިވާކަމާއި މި ޖޫރިމަނާއަށްވާ ފައިސާ އިއްޔެއިން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އެ ފަރާތްތަކަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި ގުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާ ގުޅޭ ގޮތުން އަމަލުކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ނަސޭހަތްތެރިވެ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ތަކުރާރު ނުކުރުމަށް އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.