ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ކަނބަލުންގެ އިވެންޓެއް މާލޭގައި މިރޭ ކުރިއަށްދާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގަންނަވާ މި އިވެންޓް ކުރިއަށްދާނީ މިރޭ 20:45 ގައި އާޓިފިޝަލް ބީޗުގައެވެ.
މީގެއިތުރުން ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ކެމްޕޭން ހަރަކާތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި މިރޭ ކުރިއަށްދާނެއެވެ.
މިރޭ އޮންނަ އިވެންޓުގައި މެޑަމް ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގަންނަވާއިރު މީގެ ދެ ދުވަސް ކުރިން ވެސް އެކަމަނާ ވަނީ މުޢިއްޒުގެ ކެމްޕޭނަށް ނުކުމެވަޑައިގެންފައެވެ.
އެގޮތުން ޕީޕީއެމްގެ ޖަގަހައަށް ވަޑައިގަތުމަށްފަހު ސަޕޯޓަރުންނާ ސަލާމް ކުރައްވައި ފޮޓޯ ނަންގައިވައި ހެއްދެވިއެވެ. ޖަގަހައަށް ވަޑައިގަތުމަށްފަހު އެނބުރި ގެއަށް ވަޑައިގެންނެވީ ހިންގަވާފައެވެ.