ރާއްޖޭގައި ބޭނުންކުރާ 500 ރުފިޔާގެ ފޭކު ނޫޓުތަކެއް ދައުރު ކުރަން ފަށައިފި އެވެ.
އަލީ ރަމީޒު މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ 500 ރުފިޔާގެ އަސްލު ނޫޓަކާއި ފޭކު ނޫޓެއްގެ ފޮޓޯއެއް ހިއްސާ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ފޭކު ނޫޓުތަކެއް މިދުވަސްވަރު ދައުރު ކުރަމުންދާ ކަމަށެވެ.
ފޭކު ނޫޓުތައް އޭޓީއެމް މެޝިނުން ގަބޫލު ނުކުރާ ކަމަށްވެ އެވެ. އަދި އަސްލު ނޫޓުގެ ސައިޒަށްވުރެއް ފޭކު ނޫޓުގެ ސައިޒު ކުޑަކަމަށްވެސް ވެއެވެ.
މި ދުވަސްވަރަކީ ރިޔާސީ އިންތިހާބާއި ދިމާކޮށް އެކި ބޭނުންތަކުގައި ގަނޑުކޮށް ފައިސާ ބަދަލުކުރަމުންދާ ދުވަސްވަރެކެވެ.
ރިޝްވަތުގެ ގޮތުގައިވެސް ބޮޑެތި އަދަދުތަކުން ނޫޓުން ފައިސާ ބަހަމުން ދާކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެ އެވެ. ދާދި ފަހުންވެސް ބައެއް ނުފޫޒުގަދަ ފަރާތްތަކާއި ސޯޝަލް މީޑިއާ އިންފްލުއެއްޒާއިން ޕާޓިތަކަށް ގެންދިޔުމަށް ގަނޑުކޮށް ފައިސާ ދިންކަމަށް ވާހަކަ ދެކެވެ އެވެ.
މީގެ ކުރިންވެސް ރާއްޖޭގައި އޮންނަ އިންތިހާބުތަކާއި ދިމާކޮށް ފޭކު ނޫޓުތައް ދައުރުކޮށްފައިވެ އެވެ. ރިޝްވަތުގެ ގޮތުގައި ދޭ މިފަދަ ފައިސާ ބޭންކިން ސިސްޓަމްގެ ތެރެއަށް ނުވައްދަ އެވެ. ނޫޓުން ފައިސާ ބަހާއިރު އެފައިސާ ލިބޭ ފަރާތްތައްވެސް އޭޓީއެމް މެޝިންތަކާއި ހަމައަށް އެ ފައިސާ ނުގެންގޮސް ބާޒާރުގައި ދައުރު ކުރެ އެވެ.