އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިންތިހާބުވެވަޑައިނުގެންފިނަމަ ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެކަމަށް ދެކެވޭ ވާހަކަތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޝަހީމް މިއަދު ވިދާޅުވީ ސަރުކާރެއް ބަދަލުވުމަކީ މަޝްރޫއުތައް ހުއްޓޭނެ ކަމެއް ނޫންކަމަށެވެ. ގާބިލު ތަޖުރިބާ ހުރި ބަޔަކަށް ސަރުކާރު ލިބިއްޖެނަމަ އެ މަޝްރޫއުތައް މާ ބޮޑުތަނުން އަވަހަށް ނިމި، އިތުރު ކުރިއެރުން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”ވީމާ ޒަމާނީ ތައުލީމާއި ތަސައްވުރަށްޓަކައި ޑރ. މުއިއްޒު ރައީސަކަށް އިންތިހާބު ކުރައްވާށެ!“ ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ފަރާތްތަކުން ކީރިތި ރަސޫލާގެ ހަދީސްފުޅުތައް ސިޔާސީ ބޭނުމަށް ބޭނުންކުރަމުންދާތީ އެކަމަށްވެސް ޑރ. ޝަހީމް ވަނީ އެޑްރެސް ކުރައްވައިފަ އެވެ. އެގޮތުން ވިދާޅުވީ އިލިޔާސް ޖަމާލު ރައީސް އިބޫއަށް ތާއީދު ކުރެއްވުމަކީ އޭނާގެ އަމިއްލަ ކަމެއް ނަމަވެސް ރަސޫލާގެ ހަދީސްތައް އަމިއްލަ ވިސްނުމަށް ސިޔާސީ ބޭނުމުގައި ތައުވީލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ ހެޔޮ މަގްސަދެއްގައި އަމިއްލައަށް ވެރިކަމަށް ކުރިމަތިލުމާއި ވެރިކަން ބޭނުންވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ޝަހީމް ވިދާޅުވީ އެކަމާއިމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދީނާއި ގައުމަށް ހެޔޮ ގޮތް ހިޔާރު ކުރެއްވޭނީ ވަރަށް ސާބިތުކަމާއި ހިތްވަރު ހުރެގެން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އިލްމުވެރިންގެ ތެރެއިން ބޮޑު ބައެއްގެ ތާއީދު އޮތީ ޑރ. މުއިއްޒަށެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރުގެ އެހެނިހެން ވަޒީފާތަކުގައި ތިއްބެވި އިލްމުވެރިން އެންޑޯޒް ކުރައްވަނީ ރައީސް ޞާލިހެވެ.