ރިޔާސީ އިންތިޚާބާގުޅޭ ޝަކުވާގެ މައްސަލަތައް ހުށަހަޅަން ފުރުސަތު ދިނުމަށްޓަކައި ހޮނިހިރު ދުވަހު ހައިކޯޓު ހުޅުވަން ނިންމައިފިއެވެ.
ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ހެނދުނު 09:00 އިން ރޭގަނޑު 22:00 އާ ހަމައަށް އެ ކޯޓު ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހަޅުމަށް އޮތް ފުރުސަތު ހަމަވަންދެން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ރޭގަނޑު ވެސް ކޯޓު ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެފަދަ މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ 7902206 ނަންބަރާ ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ހައިކޯޓުން ބުންޏެވެ.
އިންތިޚާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ.