މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހ. އާހަމަ، ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.
2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ އެކި ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް ފައިސާ ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައާއި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީއިން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ޒިޔަތުގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް މި މަހުގެ 04 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
އެ ދައުވާތަކަކީ:
1. ޚިޔާނާތްތެރިވުން
ދައުވާކުރާ ސަބަބު: އެމްއެމްޕީއާރސީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ހޯދައިދުނުމުގެ ނަމުގައި އެ ކުންފުނިން އެކި ފަހަރުމަތިން ދިވެހި ރުފިޔާ ހޯދައި އެފައިސާތަކުގެ ތެރެއިން 203,784,546.30 (ދުއިސައްތަ ތިން މިލިއަން ހަތްސަތޭކަ އައްޑިހަ ހަތަރު ހާސް ފަސްސަތޭކެ ސާޅީސް ހަ ރުފިޔާ ތިރީސް ލާރި) އެކި ކުންފުނިތަކަށް ދޫކޮށް އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ.
އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް
ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް
2. ޚިޔާނާތްތެރިވުން.
ދައުވާކުރާ ސަބަބު: އެމްއެމްޕީއާރސީގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާތައްކެއް އަމިއްލަ އެކި ކުންފުނިތަކަށް ލޯނުގެ ނަމުގައި ދޫކޮށް އެ ކުންފުނީގެ USD 6,850,000 (ހަ މިލިއަން އަށް ލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާތީ.
އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް
ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް
3. ޚިޔާނާތްތެރިވުން
ދައުވާކުރާ ސަބަބު: 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޮމްޕެނީ (އެމްޓީޑީސީ) އިން އެމްއެމްޕީއާރސީއަށް ލޯނުގެ ގޮތުގައި USD 1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ހޯދައި އެ ފައިސާތައް އަމިއްލަ ކުންފުންޏަކަށް ދޫކޮށް އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ.
އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަސް
ކަނޑައެޅި އަދަބު: 4 އަހަރަށް ޖަލަށް ލުމަށް
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނ މި މައްސަލައާ ގުޅިގެން އެ އޮފީހާއި ޒިޔަތާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާނެ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ކަނޑައަޅާ އަދަބު, އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 4 ދަރަޖަ މަތިކުރުމަށާއި، އޭނާ ކުށަށް އިއުތިރާފުވެފައިވާތީއާއި މައްސަލައިގެ ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާތީ, އަދަބު ކަނޑައަޅުމުގެ މިންގަނޑުން 3 ދަރަޖަ ދަށްކުރުމަށް އެއްބަސްވެފައިވާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އަދި އެމްއެމްޕީއާރސީގެ ޚިޔާނާތުގައި ހިމެނޭ ފައިސާއެއް ނުވަތަ މުދަލެއް ދައުލަތަށް އަނބުރާ ނެގުމަށް ހިންގޭ އިދާރީ ނުވަތަ މަދަނީ އެންމެހައި އިންތިޒާމުތަކާއި ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށާއި އެ ފައިސާ ނުވަތަ މުދާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް މި އެއްބަސްވުމުގެ ދަށުން އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
މި ތިން ދައުވާއަށް އެކު ޖުމްލަ 12 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުމަށް ޒިޔަތާ ދައުލަތާމެދު އެއްބަސްވެފައިވާއިރު، މި މައްސަލައާ މިއަދު ބޭއްވުނު އަޑުއެހުމުގައި އޭނާގެ މައްޗަށްކުރި ޚިޔާނާތްތެރިވުމުގެ ކުށުގެ 3 ދައުވާއަށް ވެސް އިއުތިރާފުވެފައިވާތީ, އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ އެއްބަސްވުމުގައިވާ ގޮތަށް އަދަބު ކަނޑައަޅައި ވަނީ ހުކުމްކޮށްފައެވެ.
ޒިޔަތު މިހާރު ވެސް ގެންދަވަނީ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ތަންފީޒު ކުރައްވަނީ ގޭބަންދުގައި ހުންނަވައިގެންނެވެ.
އޭނާ މިހާރު 8 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޅ.މާބިންހުރާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޚިޔާނާތުގެ ކުށް ސާބިތުވުމުންނެވެ.