ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް ހުށަހަޅާ ރިޝްވަތާ ދެކޮޅު ހަދައި އެފަދަ ހުށަހެޅުންތައް ގަބޫލު ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
އޭސީސީން މިއަދު ބުނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިއަށްގެންދާއިރު ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެގޮތުން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތަކުން ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށާއި ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން ފައިސާ ނުވަތަ ހަދިޔާ ނުދިނުމަށާއި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީ އަދި އެފަދަ ކަމެއް ކޮށްދިނުމަށް ހުށަނޭޅުމަށް އިލްތިމާސް ކުރިއެވެ.
”މީގެއިތުރުން ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް ްހުށަހަޅާ ރިޝްވަތާ ދެކޮޅު ހަދައި އެފަދަ ހުށަހެޅުންތައް ގަބޫލުނުކުރުމަށް އިލްތިމާސްކުރަން.“
އެހެންކަމުން ރިޔާސީ އިންތިޚާާބާގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަކުރެވޭނަމަ އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށް އޭސީސީން އެދެއެވެ. އަދި އިންތިޚާާބާގުޅޭ ކޮރަޕްޝަނުގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.