އައްޑޫ ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގެ ދަށުން ހިންގި ބިންހިއްކުމުގެ މަސައްކަތުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ފާހަގަކޮށްދެއްވައިފިއެވެ.
އައްޑޫ ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގެ ހިތަދޫ, މަރަދޫ, މަރަދޫފޭދޫ, ހަންކެޑެ އަދި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީއަށް އަލަށް އިތުރުކުރެވޭ ތިން ރަށުގެ ބިންހިއްކުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސް ޞާލިޙް މިހާރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫއުއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
މިމަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް ޖުމްލަ 190 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައެވެ.
ތަފްސީލް:
ހިތަދޫގައި ޒޯން 1 އަދި 2 ހިމެނޭހެން 80 ހެކްޓަރު ބިން.
މަރަދޫ އަދި މަރަދޫ-ފޭދުގައި 76 ހެކްޓަރު ބިން.
ހަންކެޑެގައި 4.72 ހެކްޓަރު ބިން.
ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން 8.3 ހެކްޓަރުގެ 03 ރަށް.
އައްޑޫ ޑީޓުއަރ ލިންކް ސަރަހައްދަށް ބޭނުންވާ 4 ހެކްޓަރުގެ ބިން.
ފަތުރުވެރިކަމަށް ޚާއްސަކޮށްގެން އައްޑޫން ހިއްކި ރަށްތަކަށް ކިޔާނެ ނަންތައް އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ ފާސްކޮށްފައެވެ.
ފާސްކުރި ނަންތައް:
ހިތަދޫ އުތުރު ފަޅުތެރޭގައި ހިއްކާފައިވާ ރަށަށް: ”ދޮންދީނި ހެރަ“
ހިތަދޫ އައިލެންޑް ތިނެއް: ”ބޮލިހެރަ“
މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ ރަށަށް: ”ދޮންހެރަ“