ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ފެޑޯ ޕްރައިވެޓް ލިމިޓެޑާއިއެކު ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ލ. އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ 19,612,765.07ރ (ނަވާރަމިލިޔަން ހަލައްކަ ބާރަހާސް، ހަތްސަތޭކަ ފަސްތޮދޮޅަސް ފަސް ރުފިޔާ ހަތް ލާރި) ކަމަށެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މިސްކިތެކެވެ.
މި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައިދިނުމަށް އެދޭކަމަށާއި މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ.