މަޑަގަސްކަރައިގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އިން ކާމިޔާބު ހޯދި ދިވެހި ކޮންޓިޖެންޓަށް މަރުހަބާ ކިޔުމުގެ ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.
އިވެންޓެއް ބޭއްވުމަށް ނިންމައިފައި ވަނީ އަންގާރަ ދުވަހުއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެރުވުމާއެކު ހާއްސަ ހަރަކާތެއް ޖުމްހޫރީ މައިދާނުގައި ބާއްވަން ނިންމާފައިވާ ކަމަށާއި މި އިވެންޓްގެ ތައްޔާރީތައް މިހާރު ވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ.
މި އިވެންޓް ރޭވުމަށް މިހާރު ވެސް އެކިއެކި އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
މި ފަހަރުގެ އައިއޯއައިޖީއަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް އެންމެ ކާމިޔާބު ގޭމްސްއެވެ.
މީގެ ކުރިން މަލްޓި ސްޕޯޓްސް އިވެންޓެއްގައި ވާދަކޮށް ރާއްޖެއަށް އެންމެ ގިނައިން ހޯދިފައި އޮތީ 15 މެޑަލްއެވެ. އެއީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީންނެވެ.
އެ ރެކޯޑު މުގުރާލުމަށް ފަހު މި ފަހަރު ދިވެހި ކޮންޓިޖެންޓުން މަޑަގަސްކަރައަށް ގޮސް 28 މެޑަލް ވަނީ ހޯދާފައިވެއެވެ.