މައިންބަފައިންގެ ހައްޤުތަކަށް ރައްކާތެރި ނުވުމަކީ ސުވަރުގޭގެ މަތިވެރި ނިއުމަތުން މަހުރޫމު ވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މި މައުޟޫއަށް އިއްވި މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އަދާކުރަން ޖެހޭ ހައްޤުތަކަށް ފަހު ދެން އެންމެ އިސްކަމެއް ދޭން ޖެހޭނީ މައިންބަފައިންނަށް އަދާކުރަންޖެހޭ ހައްޤަށް ކަމަށެވެ.
އުމުރުން ދުވަސްވެފައިވާ މައިންބަފައިންނަށް ޚިދުމަތް ކުރާނެ ފުރުސަތު ލިބުމަކީ އެކަމަށްޓަކާ ޝުކުރުވެރި ވާންޖެހޭ ކަމެއް ކަމަށް ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ވާނީ އެމީހުން އެކަމަށް އެދުމުންކަމަށް ގަބޫލުކުރާ މީހުން މިހާރު މުޖުތަމައުގައި ގިނަވެފައި ވާކަމަށެވެ.
ޚުތުބާގައި ވަނީ މައިންބަފައިން ކަމެއް ބޭނުން ވިއަސް ނުވިއަސް ދަރީން މައިންބަފައިންނަށް އަބަދު ވެސް ހެޔޮކޮށް ހިތަންވާނެ ކަމަށް އިލްތިމާސްކޮށްފައެވެ.
މިގޮތުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މިސާލެއްގެ ގޮތުން ޚުތުބާގައި އަލި އަޅުއްވާލެއްވީ އިބްރާހީމްގެފާނުގެ ވާހަކައަށެވެ. އިބްރާހީމްގެފާނުގެ ބައްޕާފުޅު އާޒަރު އެކަލޭގެފާނަށް ގޮވާލަމުން ގެންދެވީ އާޒަރުގެ ދެ އަތުން ހަދާ ބުދުތަކަށް އަޅުކަން ކުރުމަށް ކަމަށާއި ބުދަށް އަޅުކަން ނުކުރުމުން އެކަމާ ރުޅި އައިސް އިބްރާހީމްގެފާނަށް އިންޒާރު ދެއްވި ކަމަށާއި ނަމަވެސް އިބްރާހީމްގެފާނު ބަފައިކަލުން އާޒަރަށް ގޮވާލައްވަމުން ގެންދެވީ ސުވަރުގެ އަށް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އިބްރާހިމްގެފާނުގެ ވާހަކައިން ފެންނަނީ މައިންބަފައިން ރުޅި އަންނަ ހިނދު މަޑުމައިތިރިކަމާއި، ލޯތްބާއެކު މުއާމަލާތު ކުރުމުގެ ރިވެތި މިސާލެއް ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ އިސްމާއީލްގެފާނު ކުރެއްވި އިމްތިހާނަކީ ވެސް އިބްރަތުން ފުރިގެންވާ އިމްތިހާނެއް ކަމަށާއި މާތް ﷲ އިބްރާހީމްގެފާނަށް އަމުރު ކުރެއްވީ ދަރިކަލުން އިސްމާއިލްގެފާނު ގުރުބާން ކުރަން ކަމަށާއި އެހިނދު އިސްމާއީލްގެފާނު ވިދާޅުވީ ބައްޕާފުޅަށް އަމުރު ކުރައްވާ ކަންތައް ކުރެއްވުމަށް ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، މިއީ މައިންބަފައިންނަށް ކިޔަމަން ގަންނަންޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށާއި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ މައިންބަފައިންގެ ރުހުމުގެ އަގު ބޮޑު ކަމަށެވެ.
މައިންބަފައިންގެ ނިއުމަތުގެ ފުރިހަމަ އަގު ވަޒަން ކުރެވެނީ އާޚިރަތް ދުވަހުގައި ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.