ދައުލަތުގެ މީޑިއާ, ޕީއެސްއެމްއިން ބާއްވަން ނިންމި ރިޔާސީ ބަހުސް ނުބާއްވާ ގޮތަށް ނިންމުމާ ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޕީއެސްއެމްއިން ގައުމީ ޔުނިވަރސިޓީން ގުޅިގެން ރިޔާސީ ބަހުސް ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ ހުކުރު ދުވަހުގެރޭގައެވެ.
ޕީއެސްއެމްއިން މިއަދު ބުނީ ބަހުސް ކެންސަލްކޮށްފައިވާ ކަމަށާއި ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމްއިން ޝާމިލުވެގެން ކުރިއަށްގެންދިއުުމުގެ އިންތިޒާމުތައްވަމުންދާ ކަމަށެވެ.
ޕީއެސްއެމްއިިން އިންތިޒާމުކުރި ބަހުސް ނުބާއްވަން ނިންމީ ސަބަބެއް ކަމަށް ބުނީ, އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުުންނަށް ބައިވެރިވެވޭ ގޮތަށް ބަހުސް ބާއްވަން މަސައްކަތް ކުރި ނަމަވެސް ކެންޑިޑޭޓުން ބައިވެރިވާ ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތުމެވެ. އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، އެހެން ތާރީޚެއްގައި ބަހުސް ބާއްވާ ގޮތަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވާތީއެވެ.
ުޕީއެސްއެމްއިން ބަހުސް ބާއްވަން ތާވަލުކުރި ރެއަށް އެމްޑީޕީން މާލޭގައި ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމައިފައެވެ. އެ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެގޮތުން ޕީއެސްއެމްގެ ބަހުސް ބާއްވާ ތާރީޚު އެހެން ރެއަކަށް ބަދަލު ކުރަން ވެސް އެމްޑީޕީން އެދުނެވެ.
ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުން ޕީއެސްއެމްގެ ބަހުސް ކެންސަލް ކުރީ ރައީސް އޮފީހުން އަންގައިގެންނެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ “އިބްރާހީމަށް ޖަވާބުދޭން ނޭނގުމަކީ އެހެން ކެންޑިޑޭޓުންނަށް ލިބިފައިވާ ފުރުސަތު ގެއްލުވާލަން ޖެހޭ ކަމެއްނޫން“ ކަމަށެވެ.
”ސުވާލަކީ އެހެން ކެންޑިޑޭޓަކު ވަގުތު ނެތޭ ކިޔާފައި ބައިވެރި ނުވިނަމަ ބަހުސް ކެންސަލް ކުރާނެތޯ. ދައުލަތުގެ މީޑިއާ ތިޔަހާ އިންސާފުވެރިއެއްނޫން.އޮޕަރޭޓް ވަނީ ރައީސް އޮފީހުން.“
މީގެއިތުރުން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވަނީ ޕީއެސްއެމްއަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ކުންފުންޏެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އެމްއާރްއެމްގެ ނައިބު ރައީސް ނާދިރާ ވިދާޅުވީ ސަންގު ޓީވީގެ ބަހުސަކީ ސެލެކްޓިވް ފުރުސަތު ދީފައިވާ ބަހުސެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފަހި ފުރުސަތާއި ހަމަހަމަކަން އޮތީ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިޝް މައުމޫނުގެ މެނިފެސްޓޯގައި ކަމަށާއި ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ނެތް ބަހުސެއްގައި ދައުލަތުގެ މީޑިއާއަށް ޕާޓްނަރެއް ނުވެވޭނެ ކަމަށެވެ.
ޝައިޚް ޝަފީޢު ވިދާޅުވީ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން ބާއްވާ ރިޔާސީ ބަހުސަކީ ވަރަށް ވެސް މުހިންމު ބަހުސެއް ކަމަށާއި އެއީ ކެންޑިޑޭޓުންގެ ފެންވަރާއި މެނިފެސްޓޯގެ ބުރަދަން އެއް ފަހަރާ އެއް ތަނަކުން ވަޒަންކޮށްލާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އެއީ މުޅި ރާއްޖެ އެ ބަހުސަކަށް އިންތިޒާރުކުރާ ބަހުސެއް ކަމަށާއި އެންމެ ގިނަ ރައްޔިތުން ބަލާ ބަހުސް ކަން ވެސް ޝައިޚް ފާހަގަކުރެއްވިއެވެ.
”އެހެނަސް މިފަހަރު އެ ބަހުސް ކެންސަލުކުރުމުން ހަމަ ޔަގީނުން ވެސް އެނގެނީ މި ގައުމު މި ދަނީ ކުރިޔަކަށް ނޫންކަން. ބަހުސަށް އަރާން ނުކެރުނީމާ ތަފާތު ބަހަނާތައް ދައްކައި ބަހުސް ކެންސަލުކުރުވުމަކީ ވަރަށް ނާތަހުޒީބީ ކަމެއް. އެވަރުގެ ބަޔަކު ވެރިކަމަށް ކުރިމަތިނުލާންވީ.“ ޝައިޚް ވިދާޅުވިއެވެ.
ސަންގު ޓީވީގެ ރިޔާސީ ބަހުސް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ހޮނިހިރުރޭގައެވެ. މި ބަހުސަށް ދައުވަތު ދިނީ ހަމައެކަނި ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނަށެވެ.