ކުރިއަށް އޮތް ސެޕްޓެންބަރު މަހު ބާއްވާ ޖީ-20 ލީޑާސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަވަށްޓެރި އިންޑިޔާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
4 ދުވަހުގެ މުއްދަތަށް ބައިޑެން އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅާއި ގުޅިގެން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ ބައިޑަން އާއި ޖީ-20ގެ ޕާޓްނަރުން ވެސް ސާފު ހަކަތަ ބަދަލުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކްތަކުގެ ކެޕޭސިޓީ އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ހުންނަވައިގެން ރައީސް ބައިޑަން ޖީ-20 ގެ ލީޑަޝިޕަށް ތައުރީފު ކުރައްވާނެ ކަމަށާއި ޖީ-20 އަކީ އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމުގެ އެންމެ ބޮޑު ފޯރަމްގެ ގޮތުގައި އެމެރިކާ އިން ވައުދުވާނެ ކަމުގެ ޔަގީންކަން ދެއްވާނެ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.
ވައިޓް ހައުސްގެ ބަޔާނުގައި ބުނެފައި ވަނީ ޖީ20 ލީޑާސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޖޯސެފް އާރް ބައިޑަން ޖޫނިއާ ސެޕްޓެމްބަރު މަހުގެ 7 އިން 10އަށް އިންޑިޔާގެ ނިއު ދިއްލީއަށް ވަޑައިގަންނަވާނެ ކަމަށެވެ.
1 ޑިސެމްބަރު 2022 އިން 30 ނޮވެމްބަރު 2023 އަށް އެއް އަހަރު ވަންދެން ޖީ-20 ގެ ރައީސްކަމާ އިންޑިޔާ ހަވާލުވެ އެ ގައުމުން އަންނަނީ ގިނަ ބައްދަލުވުންތަކެއް އެގައުމުގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ.
ޖީ-20 ސަމިޓް އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 އަދި 10 ވަނަ ދުވަހުއެވެ.
މިދިޔަ ޖޫން މަހު އެމެރިކާއަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ދަތުރުފުޅުގައި ބައިޑަން ވަނީ ސެޕްޓެމްބަރު މަހު ނިއު ދިއްލީގައި ބާއްވާ ޖީ-20 ސަމިޓަށް އިންތިޒާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.