ބ.ދަރަވަންދޫ އެއާޕޯޓް ބޮޑުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ.ޚަލީލު ފާޑުވިދާޅުވެއްޖެއެވެ.
ޑރ.ޚަލީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ދަރަވަންދޫ އެއަރޕޯޓް ”ބޮޑު“ ކުރާ ވާހަކައިގެ ތަފްސީލު ރައީސް ދެއްވާނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދަވައިފައެވެ.
ޚަލީލް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓް އޮތް ސަރަހައްދުގެ އުރަފަށުން ފުއްޓަރަށް ހުންނަނީ 1.57 ކިލޯ މީޓަރ. ރަންވޭ ދިގުކުރެވެން އޮތީ ކަނޑު ހިއްކައިގެން ކަމަށެވެ.
“އެ ވިދާޅުވީ ރަންވޭ ބޮޑުކުރުމުގެ ވާހަކަފުޅުތޯ؟ ޓާމިނަލް ބޮޑުކުރުމުގެ ވާހަކަފުޅުތޯ؟ ރަންވޭ ފުޅާކުރުމުގެ ވާހަކަފުޅުތޯ؟ ޕާކިން ޖާގަ ބޮޑުކުރުންތޯ؟“
“ރައީސްގެ މި ވާހަކަފުޅަކީ ކަނޑުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުން ފަދަ ކަމެއް.“ ޚަލީލް ވިދާޅުވިއެވެ.
ޑރ.ޚަލީލް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލުމުގެ މަކަރުވެރި ގޮތްތައް ރައީސެއްގެ ކިބައިން ފެންނަނަމަ ވެރިކަމުން ދުރުކުރުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ.