ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އަމާޒަކަށްވާނީ އިންސާފުގެ ދުވެލި ބާރުކޮށް ޝަރީއަތްތައް އަވަސްކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ރ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރޭ އެ ޕާޓީގެ ފަރާތުން އާންމުކުރި ”ހެޔޮ ވެރިކަން“ ސިޔާސަތުގެ ދަށުން އެންމެ މުހިންމު މަސައްކަތަކަށްވާނީ އަވަހަށް އިންސާފު ހޯދައިދިނުން ކަމަށެވެ.
”އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް އަމާޒަކީ އިންސާފުގެ ދުވެލި ބާރުކުރުން. މަޑުޖެހިފައިވާ ޝަރީއަތްތައް އަވަސްކުރެވޭނެ ގޮތެއް ހޯދައިދިނުން.“
ރައީސް ވިދާޅުވި ގޮތުން މި ސަރުކާރުގެ ފަސް އަހަރުގައި ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ސްޕްރީމް ކޯޓަށް އޮތް އިތުބާރު އިތުރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.