މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ.ތިނަދޫ ކޯޓުގެ ކުރީގެ ގާޒީ އިބްރާހީމް ރަޝީދު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވީ 2016 ވަނަ އަހަރު މެއިމަހުގެ 28 ވަނަ ދުވަހުގެރޭ މެންދަމު ގދ.ތިނަދޫގައި އިބްރާހިމް ރަޝީދު (46 އ) މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިިބުނު މައުލޫމާތާ ގުޅިގެން ފުލުހުން އޭނާ ހުރި ތަނަށް ގޮސް އޭނާ ހުއްޓުވުމަށް އުޅެނިކޮށް އޭނާ އެއްލައިލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގައެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް އިއްވީ ޑައިމޯފިންއިން މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް ދައުވާ ސާބިތުވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.
މަސްތުވާތަކެތީގެ މުއާމަލާތް ކުރުމުގެ ކުށަށް ކަނޑައަޅާފައި އޮންނަނީ 15 އަހަރަށް ޖަލަށްލުމާއެކު 25000 ރ. އާއި 500000 ރ. އާ ދެމެދުގެ އަދަަދަކުން ޖޫރިމަނާ ކުރުމެވެ.
މި މައްސަލައިގައި އިބްރާހިމް ރަޝީދު 15 އަހަރަށް ޖަލަށް ލުމަށާއި 25000 ރ. އިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައެވެ.