ގދ.ގައްދޫ ހެލްތު ސެންޓަރުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.
އެޗްއާރްސީއެމްއިން ބުނީ ގައްދޫ ހެލްތު ސެންޓަރުން 4 ކުޑަކުއްޖެއް ގަޔަށް މުއްދަތު ހަމަވެފައިވާ އައިވީ ދީފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާތީ އެ ކަންތައް ހިނގާދިޔަ ގޮތް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
”ކުޑަކުދިންތަކެއްގެ ސިއްހަތާ ގުޅުންހުރި ކަމަކަށް ވާތީ މިކަމަކީ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއް ކަމުގައި ފާހަގަކުރަން.“
އަދި މި ކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ހޯދައި މިފަދަކަމެއް ތަކުރާރު ވިޔަނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އޮފް ހެލްތަށާއި ކަމާގުޅުން ހުރި އިދާރާތަކަށް ކޮމިޝަނުން ވަނީ ގޮވައިލާފައެވެ.
މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މައްސަލަ ބަލައި ނިމެންދެން ހަތަރު މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.