ސަތާރަވަނަ ބައި
”ކިހިނެއްވީ އިޔާ..! ކީއްވެ މިގަޑީ ބައްދަލުކުރަން ބޭނުންވީ.. ކޯންޗެއް ފޮރުވަނީތި.. “ ބޯއަރިކޮށްލާ އިޔާދުގެ ފަހަތް ބަލަން މަސައްކަތް ކުރަމުން ޝިގާ އެހިއެވެ.
”އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ޝިގް.. “ އިޔާދުގެ އަޑުގައި ޖެހިލުމެއްވިއެވެ.
”ހޫމް ބުނެބަލަ.. ކިހިނެއްވީތަ؟؟ ޔޫ އާރ އެކްޓިންގް ވެރީ ވިއަރޑް.. “ ޝިގާ ބުނެލިއެވެ. އެހިނދު އިޔާދު އޭނާގެ ފުރަގަހަށް ލައިގެން ހުރި ފިނިފެންމާ ޝިގާއަށް ދިއްކޮށްލައިފިއެވެ.
”މީ……؟ “ ޝިގާ ހައިރާންވެފައި ހުރެ އޭގައި ހިފިއެވެ. އެހިނދު އިޔާދު ފުންނޭވައެއް ދޫކޮށްލައިފިއެވެ.
”ޝިގާ!! އަހަރެން ވަރަށް ގިނަ ދުވަސްވެއްޖެ މިވާހަކަ ބުނަންވެގެން އުޅޭތާ… އުއްމީދުކުރަން ޝިގާ ރުޅި ނާންނާނެކަމަށް.. “ އިޔާދުގެ ވާހަކަ އަހާފައި ޝިގާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އިޔާދު ބުނަން އުޅޭ ވާހަކަ ޝިގާއަށް ލަފާކޮށްލަން އެނގިއްޖެއެވެ. އިޔާދު އެވާހަކަ ދުލުން ބުނުމަށްފަހު އެދެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުމެއް އެއްވެސް ކަހަލަ ބަދަލެއް އަންނާކަށް އޭނާ ނޭދެއެވެ. އޭނާގެ ޖަވާބު ލިބުމަށްފަހު އިޔާދު ދެރަވާކަށްވެސް އޭނާ ނޭދެއެވެ. އޭނާއަށް ޖަވާބުދެވެން އޮތީ އިޔާދު ހިތްހަމަޖެހޭ ފަދަ ގޮތަކަށް ނޫނެވެ.
”ދެން ފަހުން ބުނަންވީނު.. މިހާރު ވަރަށް ލަސްވެއްޖެ.. އެހާ ގިނައިރު ބޭރުގައި ހުރީމަ ދޮންބެ ހިތްހަމަނުޖެހޭނެ.. މާދަން ގުޅާނަން އިނގޭ..! “ އަވަސް އަވަހަށް އެހެންބުނެ ޝިގާ އެތެރެއަށް ވަންނަން އުޅުނެވެ. ނަމަވެސް އިޔާދު އޭނާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިފިއެވެ. ޝިގާ އިޔާދާ ދިމާލަށް ބަލާލަން ނުކުޅެދުނެވެ. އިޔާދު އެވާހަކަ ބުނާއިރު އަދި އޭނާ ޖަވާބުދޭއިރު އިޔާދާ ކުރިމަތިލައިގެން ހުރުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.
”އަހަރެން ވަރަށް ލޯބިވޭ ޝިގާ ދެކެ.. ވަރަށް ކުރީއްސުރެން.. އަހަރެން ބޭނުން ޝިގާއާ މެރީ ކުރަން..“ އިޔާދުގެ ވާހަކަ އިވިފައި ޝިގާއަށް ދެލޯ މަރައިލެވުނެވެ. ޖަވާބެއް ދޭން ނުކެރިފައި އޭނާއަށް ހުރެވުނީއެވެ.
”ޝިގް ޕްލީޒް އެއްޗެއް ބުނެބާ.. ކީއްވެ އަހަރެންނަށް ފުރަގަސްދީގެން ތިހުންނަނީ… ކޮންމެ ޖަވާބެއްވިޔަސް އަހަރެން ބޭނުން ތިދުލުން އަޑުއަހަން..“ އިޔާދު ބުނެލިއެވެ. ޝިގާ ފުންނޭވައެއް ދޫކޮށްލިއެވެ. އޭނާ މަޑުމަޑުން އިޔާދާ ދިމާލަށް އެނބުރުނެވެ. ނަމަވެސް ހުރީ އިސްޖަހައިގެންނެވެ.
”ސޮރީ އިޔާ!! އަހަރެން.. އަހަރެން އިޔާއާ މެދު އެފަދަ ނަޒަރަކުން ނުދެކެން.. އަހަރެން އަބަދުވެސް އިޔާ ދެކުނީ އެންމެ ގާތް އެކުވެރިޔާ ގޮތުގައި.. “ ޝިގާގެ ޖަވާބު އިވިފައި އިޔާދު މުޅިން ހިމޭންވިއެވެ. ހިތަށްކުރި ފުންއަސަރާއެކު މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ޝިގާ އިސް އުފުލާ ބަލައިލިއެވެ. އިޔާދުގެ ދެލޯ ފެންކަޅިވެފައިވާތަން ފެނި ޝިގާ ހިންދިރުވައިލިއެވެ.
”އައިމް ސޯ ސޯ ސޮރީ އިޔާ.. އަހަރެން ބޭނުމެއްނޫން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގެއްލޭކަށް.. މީ ނުވާކަމަކަށް ހަދާފައި ކުރިން އުޅުނުހެން އެކުވެރިންގެ ގޮތުގައި ހަމަ އުޅެވިދާނެ.. “ ޝިގާ ބުންޏެވެ. އިޔާދު އިސްޖަހައިލިއެވެ. ވެއްޓެން ތައްޔާރުވެފައި ކަރުނަ އޭނާގެ އިނގިލީގެ ނުފުށުން ފޮހެލިއެވެ. އޭނާ ޝިގާއާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ.
”ތިބުނާ ކަންތަކެއް ނުވާނެ ޝިގާ!! އަހަރެންގެ ހިތުގައިމިވާ ލޯތްބަށް ކުޑަވެސް ބަދަލެއް އަންނާނެހެން ހިޔެއްނުވޭ.. އެހެންވީމަ ރަނގަޅުވާނީ މިހިސާބުން މިއެކުވެރިކަންވެސް ނިންމާލުން.. ނޫނީ އަހަރެންގެ ހިތަށް އަބަދަށް އަނިޔާ ލިބިލިބި ހުންނާނީ.. “ އިޔާދު އެހެން ބުނުމުން ޝިގާ ހިތުގައި ޖެހުނެވެ.
”ދެޓްސް ނޮޓް ފެއަރ… އަހަރެންގެ ކުށަކީ ކޮބާ؟ “ ޝިގާގެ އަޑު ކުރެހުނެވެ.
”ޝިގާގެ ކުށެއް ނެތް.. ކުށް ކުރެވުނީ އަހަރެންނަށް.. ރަހުމަތްތެރިކަމުގެ ގުޅުމުގެ އިން ފަހަނަ އަޅާ ދިޔައީ އަހަރެން.. އައިމް ސޮރީ.. ބަޓް އައި ކާންޓް ޑޫ ދިސް.. “ އިޔާދު މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އެނބުރި ހިނގައިގަތެވެ. އިޔާދު ދާ މަންޒަރު ބަލަން ހުރި ޝިގާގެ ލޮލުން ކަރުނަ ފާޅުވެލިއެވެ.
***********
މާހިރާއާ ދެކެވުނު ވާހަކައަށްފަހު އެރޭގެ ނިދިން ރައިޒެލް ވަނީ މަހުރޫމްވެފައެވެ. މާޒީގެ ހިތި މަންޒަރުތައް ދެންމެ ވީ ކަމެއްހެން އޭނާއަށް ސިފަވާ ކަހަލައެވެ. އެހަނދާންތައް އޭނާގެ ހިތަށް ހެރެމުންދިޔަ ތޫނު ކަށިތަކެއް ފަދައެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔައީ ކަރުނަތައް ފޮހޭކަށް އޭނާގެ ހިތްވަރެއް ނެތެވެ. އެހެން އޮވެފައި ކުއްލިއަކަށް ރައިޒެލް ތެދުވި މެޔަށް ތަދުވާން ފެށުމުންނެވެ. މެޔަށް ބާރުވެ ނޭވާ ނުލެވޭހެން ހީވާން ފެށުމުން ރައިޒެލްއަށް ތެޅިގަނެވުނެވެ. ހީވީ ދެންމެ ދެންމެ މަރުވެގެން ވެއްޓިދާނެހެންނެވެ.
”ރިލޭކްސް ރައިޒެލް.. އިޓްސް ޖަސްޓް އެ ޕެނިކް އެޓޭކް.. އިޓް ވިލް ޕާސް.. “ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރަމުން ރައިޒެލް ކިޔައިލިއެވެ. އެއީ ފަހަކަށް އައިސް މާބޮޑަށް ރޮވޭނަމަ ރައިޒެލްއަށް ވާގޮތެކެވެ.
”ބްރީތް.. ބްރީތް.. ރައިޒެލް.. “ އަނެއްކާވެސް އޭނާ ބުނެލިއެވެ. އެކަމުން އަރައިގަނެވޭތޯ ރައިޒެލްއަށް ކުރެވުނު މަސައްކަތެއް ކުރަމުން ދިޔައެވެ. އެހެންނަމަވެސް މިރޭ ރައިޒެލްއަށް އެކަމުގެ ކޮންޓްރޯލެއް ނުލިބުނެވެ. އެކަން ހައްތަހަވީ ބޮޑުވަރެވެ. ރައިޒެލް އަވަސް އަވަހަށް އެނދުން ފޭބިއެވެ. ކުޑަދޮރު ކައިރިއަށް ގޮސް ދޮރު ހުޅުވާލީ ތާޒާ ވައިކޮޅެއް ހޯދުމުގެ ބޭނުމުގައެވެ. ފުންނޭވާތަކެއް ލަމުން ދިޔަ ރައިޒެލްއަށް ރޮވެނީއެވެ. މެޔަށް އިހުސާސްކުރެވެމުން ދިޔަ ތަދު ބޮޑުވެ މޭފިތޭހެން ހީވާން ފެށުމުން މޭގައި އަތްއަޅައިގެން ހުރެ ރައިޒެލް ހުރި ދިމާލަށް ތިރިވާން ފެށިއެވެ. ލޯމައްޗަށް ފުސްވާން ފެށުމުން މިދުނިޔެ ދޫކޮށް ދާންޖެހޭ ވަގުތު އައިސް ޖެހުނީއޭ ރައިޒެލްގެ ހިތަށް އެރިއެވެ. އެހިސާބުން އޭނާގެ ހެޔަށް ގޮތްވާން ފަށައިފިއެވެ.
”ޔާﷲ.. “ ހަބަރު ހުސްވުމުގެ ކުރިން ރައިޒެލްއަށް ބުނެވުނީ އެވަރަށެވެ.
*************
ހޭވެރިކަންވުމާއެކު ކަންފަތުގައި އައިސްޖެހުނީ ހޮސްޕިޓަލުގެ މެޝިންތަކުގެ އަޑެވެ. ބަރުހެލިވެފައިވާ ލޯ ހުޅުވާލުމާއެކު ފެނުނީ އޭނާއާ ދިމާލަށް ގުދުވެގެން އޮތް ޝިގާގެ މޫނެވެ. ބަހެއް ކިޔަން އަނގަހުޅުވާލި ވަގުތު ކަރުތެރެ މުޅިން ހިކިފައި ހުރުމުން އަޑެއް ނުނިކުތެވެ. ހިންދިރުވާލުމަށްފަހު ދެފަހަރަކު ކެއްސާލީ އެހެންވެއެވެ.
”އަލްޙަމްދުލިﷲ…!! ދޮންބެ!! ރައި ހޭއަރައިފި….. “ ޝިގާ ގޮވާލި އަޑުއިވުނެވެ. އެވަގުތު އާސިމް އައިސް ކައިރިއަށް ހުއްޓުނުތަން ރައިޒެލްއަށް ފެނުނެވެ.
”ކާކު؟ ކާކު އަހަރެން މިތަނަށް ގެނައީ..“ ރައިޒެލް މަޑުމަޑުން އަހާލިއެވެ.
”ދޮންބެ އުނދޯލީގައި އޮއްވާ ރައިގެ ރޫމްގެ ކުޑަދޮރު ހުޅުވީމަ ގޮސް ބަލައިލިއިރު ރައި އޮތީ ހޭނެތިގެން ވެއްޓިފަ… ދޮންބެ އެންމެންނަށް ގޮވާފައި ރައި ގޮވައިގެން މިތަނަށް އައީ.. “ ޝިގާ ކިޔައިދިނެވެ.
”ފެންފޮދެއް ލިބިދާނެތަ… “ ހިންދިރުވާލުމަށްފަހު ރައިޒެލް ބުންޏެވެ. އެބައަންނަމޭ ބުނުމަށްފަހު އާސިމް ހިނގައިގަތީ ފެންފުޅިއެއް ގަންނާށެވެ. ޝިގާ ރައިޒެލް އޮތް އެނދު ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އިށީނެވެ.
”ގަޑިން ކިހާއިރެއް.. އަހަރެން ބޭނުން ގެއަށް ދާން.. “ ރައިޒެލް ބުންޏެވެ.
”ފަތިސްވާން އެއުޅެނީ.. ހިޔެއް ނުވޭ އަވަހަށް ގެއަށް ފޮނުވާލާނެ ހެނެއް.. މިތަނަށް ގެނައިރު ރައިގެ ލޭގެ ޕްރެޝަރު ވަރަށް މަތީގައި ހުރީ.. ހަކުރު ދަށްވެފައި.. އެހެންވެ އައި.ވީ ގުޅީ.. ޑޮކްޓަރުން އީސީޖީއެއްވެސް ނެގި.. ބައިވަރު ޓެސްޓްތަކެއްވެސް ހެދި.. ނަތީޖާ ހިފައިގެން އަންނަންދެން ތިބެން ޖެހޭނެއްނު.. “ ޝިގާ ކިޔައިދިނެވެ.
”އެހެންވީއިރު ޝިގާމެން ދޭބަ ގެއަށް.. އެހެންނޫނީ ކޭމްޕް ނުދެވޭނެއްނު.. ދޫކޮށްލީމަ އަހަރެންނަށް އެކަނި ގެއަށް ދެވޭނެ.. “ ރައިޒެލް ބުންޏެވެ.
”ނޯ ވޭ.. އަހަރެން މިތަނުން ދާނީ ރައި ގޮވައިގެން.. ކޭމްޕް ދިއުން އަހަރެންނަށް މުހިންމެއް ނޫން..“ ޝިގާ ދެކޮޅު ހެދިއެވެ.
އާސިމް އެނބުރި އައީ ފެންފުޅިއަކާއި ޑިސްޕޮސެބްލް ތައްޓެއް ހިފައިގެންނެވެ. ތައްޓަށް ފެން އަޅާ ރައިޒެލްގެ ތުނބުގައި ފެންތަށި ޖައްސައިދިނީ ޝިގާއެވެ. ކަރުހިއްކާފައި ހުރިވަރުން ރައިޒެލްއަށް ފެންތަށި އެއްކޮށް ހުސްކޮށްލެވުނެވެ. ޑޮކްޓަރަކާއި ނަރުހެއް އެނދުކައިރިއަށް ހުއްޓުނީ އެވަގުތުއެވެ.
”ރައިޒެލް!! ކިހިނެއްތަ؟ “ ޑޮކްޓަރު އަހައިލިއެވެ. ހިނިތުންވެލަން މަސައްކަތް ކުރަމުން ރައިޒެލް ރަނގަޅޭ ބުނެލިއެވެ.
”އީސީޖީ ނޯމަލް.. ޓެސްޓްތަކުގެ ނަތީޖާތައްވެސް ރަނގަޅު އެންމެ އެއްޗެއް ފިޔަވާ.. ބޮޑަށް ހީވަނީ ނުކާތީހެން.. ލޭ މަދުކޮށް ދައްކަނީ ކުޑަކޮށް.. ޅައުމުރުގައި ލޭގެ ޕްރެޝަރު އެހާ މަތީގައި ހުރީމަ ބެލެވެނީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ފިކުރު ކުރަނީކަމަށް.. ބުނެބަލަ!! ރައިޒެލް އެއްވެސް ކަމަކާ ވިސްނަންތަ؟ “ ޑޮކްޓަރު ސުވާލުކުރިއެވެ. އެހިނދު ޝިގާއާއި އާސިމްވެސް ރައިޒެލްއަށް ބަލައިލީ އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރާ ފަދައަކުންނެވެ.
”ނޫން.. ނުވިސްނަން.. “ ރައިޒެލް ބުނެލިއެވެ. ޑޮކްޓަރު ބޯޖަހައިލިޔަސް އޭނާ އެވާހަކަ ޤަބޫލުކުރިހެނެއް ހިޔެއްނުވެއެވެ.
”މައްސަލައެއް ނެތް.. އޮބްޒަވޭޝަންގަ އަދި ހަގަޑިއިރުވަރު ބާއްވާފައި ދޫކޮށްލެވޭނީ.. އޯކޭ ރައިޒެލް!! ޓޭކް ކެއަރ!! “ އޯގާތެރިކަމާއެކު ޑޮކްޓަރު އެހެން ބުނުމުން ރައިޒެލް ބޯޖަހައިލިއެވެ.
”ދޮންބެ ދާންވީނު ގެއަށް ކުޑަކޮށް ރެސްޓްކޮށްލަން.. ރޭގަ އެއްގޮތަކަށްވެސް ނުނިދާ ތިހުރީ.. އިރުކޮޅަކުން ކޭމްޕަށްވެސް ފުރަން ޖެހެއެއްނު.. “ ޑޮކްޓަރު ދިޔުމުން ޝިގާ ބުންޏެވެ.
”އައިމް ނޮޓް ގޮއިން އެނީވެއަރ.. ރައިޒެލް މިތަނުގައި ބާއްވާފައި ކޭމްޕްދާކަށް އަހަރެން ބޭނުމެއްނޫން.. “ އާސިމްއަށް ބުނެވުނެވެ. އެހިނދު ރައިޒެލްއަށް އާސިމަށް ބަލައިލެވިއްޖެއެވެ. އެދެލޮލުން ފެންނަމުން ދިޔަ ކަންބޮޑުވުމުގެ ހަޤީޤަތަކީ ކޮބައިކަން ދެނެގަންނަން ރައިޒެލް މަސައްކަތްކުރިއެވެ.
”މިބުނީ.. އެއްވެސް ސްޓާފެއް މަދުވާކަށް އަހަރެން ބޭނުމެއްނޫން.. ސްކޫލަށް އަންގައިފިން އާއިލީ އެމަރޖެންސީއެއް ދިމާވެގެން ކޭމްޕް ފަސްކުރަން.. “ ބުނެވުނު އެއްޗަކާ މެދު ރެއަކާލުމުން އާސިމް ބުނެލިއެވެ.
”އަހަރެން އެބަ އަންނަން ގެއިން ކާއެއްޗެއް ހިފައިގެން.. ދޮންބެ މިތާ ރައިޒެލް ކައިރީ މަޑުކޮށްލާ.. “ ގޮނޑިން ތެދުވަމުން ޝިގާ ބުންޏެވެ. އާސިމް ބޯޖަހައިލުމުން ޝިގާ ރައިޒެލް ކައިރީ ވަރަށް އަވަހަށް އަންނާނަމޭ ބުނެ އެތަނުން ނިކުންނަން ހިނގައިގަތެވެ.
**********
ފަތިސް ނަމާދުކޮށްގެން އައިސް ދަބަސް ތައްޔާރުކޮށްގެން މިފްޒާލް މިސްރާބުޖެހީ އިޔާދު ބަލާ އެގެއަށް ދިއުމަށެވެ. އެގޭ ދޮރުގައި ޓަކި ޖެހުމުން ހުޅުވީ އިޔާދުގެ މަންމަ ލުބާއެވެ. ލުބާގެ ހުއްދަ ހޯދުމަށްފަހު މިފްޒާލްގެ ގޮސް އިޔާދުގެ ކޮޓަރީގައި ޓަކި ޖެހިއެވެ. ދެފަހަރަކު ޖަހާލާއިރަށް އިޔާދު ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ. މިފްޒާލް ވަނުމުން ދޮރު ލެއްޕުމަށްފަހު އިޔާދު ގޮސް އެނދުގައި އޮށޯތެވެ.
”ތިޔޯ..!! އިރުކޮޅަކުން ފުރާ ގަޑި ޖެހޭނެ..“ މިފްޒާލް ބުންޏެވެ.
”އައިމް ނޮޓް ގޮއިން…. “ އިޔާދު ބުނެލިއެވެ.
”އެއީ؟؟؟ ކަޑަ ނުހަދާ.. އިޔާ ނުދިއްޔައިއްޔާ އަހަރެން ކިހިނެއް ދާނީ.. “ މިފްޒާލް އައިސް އިޔާދު ބައްދައިގެން އޮތް ބާލިސް ގަދަކަމުން އަތުލިއެވެ.
”އަހަރެން ނުދިޔަސް މިފޫއަށް ދެވޭނެއްނު ހަމަ.. ޝިގާ ފެންނަ ހިސާބަށް ދާން އަހަރެން ބޭނުމެއްނޫން.. “ އިޔާދު ބުނެލިއެވެ.
”އޯހ.. ޝިގާ ނޫނެކޭ ބުނީތަ އަނެއްކާ؟ “ މިފްޒާލް އެހިއެވެ.
”އަހަރެންގެ މޫނު ބަލާލާފައި ހީވޭތަ ބުނީ އާނއެކޭ ހެން.. އަހަރެންނަކަށް ނޭނގެ ދެން ޝިގާއާ ކުރިމަތިލާނެ ގޮތެއް… “ އިޔާދު ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ.
”ހާދަ އަވަހަކަށް ހިތްވަރު ތިއެލުވާލީ.. ހަމަ ނޫނެކޭ ބުނާއިރަށް ހަތިޔާރު ބެހެއްޓީމަ ނުވާނެއްނު ފިރިހެނަކަށްވެސް.. “ މިފްޒާލް ބުނެލިއެވެ.
”ދެން އަހަރެން ކިހިނެއް ހަދަންވީ.. ޝިގާ ކައިރީ ރޮއެ އާދޭސްކުރަންވީތަ؟ ނޫނީ ގަދަކަމުން އޭނަގެ ލޯބި ހޯދަން އުޅެންވީތަ؟ “ އިޔާދުގެ އަޑުގައި ހިތްހަމަނުޖެހުންވިއެވެ. މިފްޒާލް ހިނިގަނޑެއް ޖަހާލުމުން މަޖަލެއް ނޫނޭ އިޔާދު ބުނެލިއެވެ.
”އަހަރެން ބުނާ ގޮތަކަށް ދެން ކަންތައްކޮށްބަލަ.. އޭރުން ޝިގާ އަމިއްލައަށް އައިސް ބުނާނެ އިޔާ ދެކެ ވަރަށް ލޯބިވެޔޭ… “ މިފްޒާލް ޔަގީންކަމާއެކު ބުންޏެވެ.
”އޭނަ ރޭގަ ބުނެފިއޭ ލޯތްބެއްނުވެޔޭ.. ދެން؟؟ ”
”ވެދާނެއްނު އަދި ޝިގާއަށް އެލޯބި އިހުސާސް ނުވަނީ ކަމަށް.. ބައެއް ފަހަރު ޖެހޭނީ އިހުސާސްކޮށްދެން.. ބުނެބަލަ.. އަހަރެން ބުނާ ގޮތް ހަދާނަންތަ؟ ”
”އޯކޭ.. އެކަމަކު ތިގޮތުންވެސް ކާމިޔާބު ނުވެއްޖިއްޔާ އަހަރެން ބޭނުމެއްނޫން ދެން މިރަށުގަ އުޅޭކަށްވެސް.. “ އިޔާދު އެހެން ބުނުމުން މިފްޒާލް އެންމެ ރަނގަޅޭ ބުންޏެވެ. މިފްޒާލްގެ ފޯނަށް އެވަގުތު މެސެޖެއް އައެވެ. މެސެޖު ކިޔާފައި މިފްޒާލްގެ މޫނުމަތި ބަނަވެގެން ދިޔަތަން އިޔާދު ދުއްޓެވެ.
”ކިހިނެއްވީ؟ “ އިޔާދު އެހިއެވެ.
”ސްކޫލްގެ ޕްރިންސިޕަލް ފެމިލީ އެމަރޖެންސީއެއް ދިމާވެގެން ކޭމްޕް ފަސް ކުރި ވާހަކަ.. ކާކަށް ކިހިނެއްވީބާ އއަނެއްކާ؟ “ މިފްޒާލް ބުންޏެވެ. އެހިނދު އިޔާދުގެ މޫނުމަތިންވެސް ކަންބޮޑުވުން ފެނުނެވެ. އަވަހަށް ޝިގާއަށް ގުޅަން ފޯނު ނަގާފައިވެސް ފޯނު ތިރިކޮށްލިއެވެ.
”ގުޅާބަލަ.. އަހާބަލަ އަނެއްކާ ވީކަމެއް.. “ މިފްޒާލް ބުންޏެވެ.
”ނޫން.. ބޮޑުކަމެއްވިއްޔާ އެނގޭނެއްނު… “ އިޔާދު ބުންޏެވެ.
”ގުޅާބަލަ ޕްލީޒް.. އަހަރެންގެ ކިއުޓީވެސް ހުރީ އެގޭގައޭ.. “ މިފްޒާލް ބުނެލިއެވެ. އޭނާގެ އަޑުގައި ބޭގަރާރުކަމެއްވިއެވެ. ދެފަރާތަކަށް ބޯހޫރާލުމަށްފަހު އިޔާދު ފޯނުގައި މެސެޖެއް ލިޔެފައި ޝިގާއަށް ފޮނުވާލިއެވެ. މެސެޖު ފޮނުވިތާ މާގިނައިރެއްނުވެ ޖަވާބު އައުމުން އިޔާދު މެސެޖު ކިޔާލިއެވެ.
”އިޓްސް ރައިޒެލް.. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އޮތީ… “ މިފްޒާލަށް ބަލާލަމުން އިޔާދު ބުންޏެވެ. މިފްޒާލަށް އިންތަނުން ތެދުވެވުނީ ކުއްލިއަކަށެވެ.
-ނުނިމޭ-