ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ދެމުން އަންނަ ބަހުގެ ހަމަލާތަކަށް ރައްދުދޭނީ ރިޔާސީ އިންތިޚާބުގެ ވޯޓުން ކަމަށް އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫ ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަން ތެރޭގައި ފިތުނަ އުފައްދައި ބައިބައި ކުރުމުގެ މަގުސަދުގައި ބަޔަކު ވާހަކަތައް ފަތުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދިނުމަށް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.
އަދުރޭ ވިދާޅުވީ ވާހަކަތައް ފަތުރަނީ ވާދަވެރިންނަށް ޕީޕީއެމް/ޕީއެންސީއަކީ ކޯއްޗެއްކަން ނޭނގޭތީ ކަމަށާއި އެ ދެ ޕާޓީއަކީ ވެސް އެކައްޗެއް ކަމަށާއި ”ދެ ޕާޓީއަކީ ރައީސް ޔާމީން“ ކަމަށެވެ.
އެހެންކަމުން ޕީޕީއެމްއިން ނުކުތަސް ޕީއެންސީއިން ނުކުތަސް އެ ނުކުންނަނީ ރައީސް ޔާމީން ނެރުއްވި ކެންޑިޑޭޓްކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ވާދަވެރިން ހާސްވެގެން އުޅެނީ ޑރ.މުޢިއްޒަށް އޮތް ތާއީދު ފެންނަމުންދާތީ ކަމަށެވެ. އަދި ތާއީދު އިތުރުވަމުންދާ ވަރަކަށް ވާދަވެރިންގެ ހަމަލާތައް ގިނަވާނެ ކަމަށާއި ވާދަވެރިންނަށް މި ވަގުތު މާ ބޮޑު ރައްދެއް ދެއްވަން ނެތިން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.