ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ބ.މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.
ރައީސް މި ވައުދުވެވަޑައިގަތީ ރިޔާސީ ކެމްޕޭނަށް ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާޅޮހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ހަނިފަރު ބޭ ބައޮސްފިއާ ރިޒާވް އޮންނަނީ މާޅޮހާ ރަށާ ކައިރީގައިކަމުން އެ ތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް މާޅޮހުގައި ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުން މުހިންމު ކަަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން އެ ރަށުގައި ޒަމާނީ ސިޓީ ހޮޓަލެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް މަލްޓި ޕާރޕަސް ހޯލަކާއި ކްލާސްރޫމް ވަސީލަތްތަކާއެކު އެ ރަށު ސްކޫލު ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި އެ ރަށުގައި ބޮޑު މިސްކިތެއް ބިނާކޮށްދެއްވާނެ ކަމަށާއި ފުޓްބޯޅަ ދަނޑެއް އަޅައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.