ރާއްޖޭގައި އެކައުންޓިން ދާއިރާ ކުރިއެރުވުމުގެ ބޭނުމުގައި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް އިންޑިޔާ އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެ އެމްއޯޔޫގެ މަގުސަދަކީ އެކައުންޓިން ދާއިރާގެ އިލްމު ކުރިއަރުވައި އެކައުންޓިން ޕޮރޮފެޝަން ތަރައްގީކުރުމުގެ އިތުރުން އެ 2 އިންސްޓިޓިއުޓްގެ މެންބަރުންގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.
ސީއޭ މޯލްޑިވްސްއިން ބުނީ އެ އެމްއޯޔޫގައި ސޮއިކުރީ 2023 ވަނަ އަހަރުގެ ސަފާ އައިއެފްއާރްއެސް އެންޑް އައިއެސްއޭ ދުވަހު ކަމަށެވެ.
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައިސީއޭއައިގެ ރައީސް އަނިކެތު ސުނިލް ޓަލާޓީ ވިދާޅުވީ ސީއޭ މޯލްޑިވްސް އާއި އެކު އެމްއޯޔޫގައި ސޮއި ކުރުމުގެ މަގުސަދަކީ ކޮލަބްރޭޓިވް ޕްރޮގްރާމްތައް ބޭއްވުމުގައި ސީއޭ މޯލްޑިވްސްއަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓިވް އަދި އެހެނިހެން ރިސޯސަސް ފޯރުކޮށްދިނުމުގެ އިތުރުން އައިފެކް މެންބަޝިޕް ހޯދުމުގައި ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ސީއޭ މޯލްޑިވްސްގެ ރައީސް އަދި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އެމްއޯޔޫގެ ސަބަބުން 2 އިންސްޓިޓިއުޓަށް ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން އައިސީއޭއައިގެ މެންބަރުންގެ އެކައުންޓިން ޕްރޮފެޝަން ފުޅާކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި ސީއޭ މޯލްޑިވްސްއަށް އެކައުންޓިން ދާއިރާގެ ކޯސްތައް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ލިބިގެން ދިއުމުގެ އިތުރުން އިންސްޓިޓިއުޓްގެ މެންބަރުންގެ ފަންނީ ތަރައްގީއަށް މަސައްކަތްކޮށް ރާއްޖޭގެ އެކައުންޓިން ފްރޮފެޝަން އާ ހަރުފަތްތަކަށް ގެންދިއުމުގެ ދޮރުހުޅުވިގެންދާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.