ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ.
މުޢިއްޒުގެ މެނިފެސްޓޯ ލޯންޗުކުރީ ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި މުޢިއްޒު ވިދާޅުވީ އަމިއްލަވަންތަ, ދިވެހިވަންތަ, އިސްލާމްވަންތަ, މިނިވަން މުސްތަގިއްލު, އަމިއްލަ ސިޔާދަތީ ބާރު ހިނގާ ރާއްޖެއެއް ރައްޔިތުން ބޭނުންވާ ކަމަށެވެ.
އެހެންކަމުން މެނިފެސްޓޯގެ ނަމެއްގެ ގޮތުގައި ޝިއާރެއްގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަނޑައެޅުއްވީ މިވަގުތަށް އެންމެ އައުލާކަން ބޮޑު އެންމެ މުހިންމު ޝިއާރު ”ދިވެހިންގެ ރާއްޖެ“ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
”މިއަދު މި ގައުމަށް ބޭނުންވެފައިވަނީ ދިވެހިންގެ ރާއްޖެ އަނބުރާ ހޯދުމަށް. މި ބުރަ މަސައްކަތުގައި އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން މިއަދު މިވަނީ ތެދުވަންޖެހިފަ. އަޅުގަނޑުމެންގެ ސިޔާސީ ވިސްނުން އެއްކިބާކޮށްފަ ދިވެއްސަކަށްވީތީ ދިވެހިންގެ ރާއްޖެ ހޯދުމަށް އަޅުގަނޑުމެން އެކަތިގަނޑަކަށްވެ އަތުކުރި އޮޅާލަން އެބަޖެހޭ.“
މުޢިއްޒު ވަނީ ރައީސް ޔާމީން ނުހައްގުން ޖަލުގައި 1008 ވަނަ ދުވަސް ހޭދަކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މުޢިއްޒު ވިދާޅުވި ގޮތުގައި މެނިފެސްޓޯގަ ހުރި ކަންކަމަކީ ހާސިލުކުރެވޭނެ ކަންކަމެވެ. އޭނާ ވިދާޅުވީ މެނިފެސްޓޯގަ ހުރި ކަންކަން ލިޔެފައިވާނީ އޭގެ ފަހަތުން އެތައް ގިނަ ދިރާސާތަކެއް ކުރެވުމަށްފަހު ކަމަށާއި ވައުދެއް ފުއްދޭނެ ގޮތް ނޭނގިއެއް ވައުދެއް ނުވާނަން ކަމަށެވެ.