ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ، އެ މަނިކުފާނުގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ
ސިއްހީ ފަރުވާދޭ ތަންތަނާއި ސްކޫލެއްގެ ހުރިހާ ކުލާސްރޫމްތައް އޭސީ ކޮށްދެއްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ޤާސީމް މިހެން ވިދާޅުވީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ށ. މިލަންދޫގައި ރޭ ކުރިޔަށްދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޤާސިމް ވަނީ މީގެ އެތައް އަހަރެއް ކުރިންވެސް ރާއްޖޭގެ ގިނަ ސްކޫލުތަކަށް ގިނަގިނަ އެހީތަކެއް ވެދެއްވާފައި ކަން ފާހަގަކުރައްވާފައެވެ.
ޤާސިމްގެ ވެރިކަމެއްގައި ސްކޫލްތަކުގެ އިތުރުން، ރާއްޖޭގެ ސިއްހީ ފަރުވާ ފޯރުކޮށްދޭ ތަންތަނުގައިވެސް އޭސީ ނުކޮށްހުރި ތަންތަން އޭސީ ކޮށްދެއްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
މިގޮތުން މި ނިންމުން ނިންމާފައި ވަނީ އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވާނީ ފުރިހަމަ ސިއްޙަތެއްގައި ހުރުމާއި ފުރިހަމަ ތަޢުލީމު ލިބުން ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވުނަސް އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެ ކަމަށެވެ.
ހަމަ އެހެންމެ މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފަ ތިއްބެވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށްވުރެ ވެރިކަން ހައްގުވާ އެހެން ބޭފުޅަކު ނެތްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.