ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ވަރުގެ ކަންކަން ހިނގުމުން މި ސަރުކާރުގެ ކަންކަން ގޯސްވެގެން ގޮސްފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކެމްޕޭނަށް ށ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން ގާސިމް ވަނީ މި ސަރުކާރުން އަވަށްޓެރި އިންޑިޔާއަށް ބާއްވާ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ އެ ކަމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާ ވަރަށް އިންޑިޔާގެ ނުފޫޒު ރާއްޖޭގައި ގަދަވެފައިވާ ކަމަށެވެ.
އިންޑިޔާގެ ރުހުން ނެތި ސަރުކާރަށް މިހާރު އެއްވެސް ކަމެއް ކުރެވޭ ކަމަކަށާއި އެގޮތުން އިންޑިޔާ އިން ދޭ ކޮންމެ ލޯނެއް ވެސް ބަލައިގަންނަން ވެސް މަޖުބޫރުކޮށްފައިވާ އިރު 2 ވަނަ ދައުރަކަށް ރައީސް ނުކުންނެވީ ވެސް އިންޑިޔާ އިން މަޖުބޫރުކޮށްގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހދ. ހަނިމާދުއަށް އިއްޔެ ވަޑައިގަތް އިރު ވެސް ދިވެހި ސިފައިންގެ އިތުރުން ބޭރު އެހެން ގައުމެއްގެ ސިފައިން ވެސް ދެކެވަޑައިގަތް ކަމަށާއި ރައީސް ޞާލިހު އިތުރު 5 އަހަރު ބަހައްޓަވަން އިންޑިޔާ އިން ބޭނުންވާ ކަމަށެވެ.
ގާސިމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ވަރުގެ ކަންކަން ހިނގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންދުލަގައްޔޫމަށް ވުރެ މި ސަރުކާރުގެ ކަންކަން ގޯސްވެގެން ގޮސްފައިވާ ކަމަށެވެ.
އެހެންވެ ރައީސް ޞާލިހަށް 2 ވަނަ ދައުރެއް ދޭންވީ ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.