މާލޭ ގެއެއްގައި ބަނގުރާ ކައްކަން ތައްޔާރުކޮށްފައިވާ ތަނަކުން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު އިންޑިއާގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ އަޖިތުކުމާރު މުރުގަން (26 އ) އާއި, ސޫރިޔާ މުރުގަން (22 އ) އާއި, ކަސިރް މިރާ ނައިނާ މުޙައްމަދު (48 އ) ކިޔާ ތިން ފިރިހެނުންނެވެ.
އެ ތިން މީހުންގެ މައްޗަށް ބަނގުރާ ބޭނުންކޮށް އެ ތަކެތި ކައްކާ އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުކޮށްފައިވާއިރު, އެ މީހުން ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯގެ ކޮޓަރިއަކުންނާއި ގްރައުންޑް ފްލޯގެ ގޯޅިގަނޑުގައި ހުންނަ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ވަނީ ފެނިފައެވެ.
އޭގެތެރޭގައި ހިމެނެނީ:
500 އެމްއެލްގެ 273 ފުޅި
5 ލީޓަރުގެ 4 ފުޅި
ޖޭމްސަން ބްރޭންޑްގެ 3 ފުޅި
މީގެއިތުރުން ބަނގުރާ ކެއްކުމަށް އެ ތަނުގައި ސެޓަޕް ހަދާފައިވާ ކަމަށާއި ބަނގުރާ ކެއްކުމަށް އެއްޗެހި އަޅައި ތައްޔާރު ކޮށްފައިވާ 36 ޓައްޕު ފެނިފައިވާ ކަމަށް ފުލުހުންގެ ބަޔާންތަކާ ހަވާލާދީ ކްރިމިނަލް ކޯޓުން މިއަދު ވަނީ ބުނެފައެވެ.
އަދި އެ މީހުންގެ އަތުން މި އެޕާޓްމަންޓްގެ ދޮރުގެއާއި ގްރައުންޑް ފްލޯއަށް ވަންނަ މައިދޮރުގެ ތަޅުދަނޑި ފެނިފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
އެ ތިން މީހުންގެ ބަންދަށް ކޯޓު ދިނީ 15 ދުވަހެވެ.
ހެންވޭރުގައި ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާތީ އާންމުން ރިޕޯޓުކުރުމުން މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހު ހެނދުނު 6:12 ގައި ފުލުހުން އެ ގެއަށް ގޮސް އިންޑިއާގެ ދެ މީހަކު ހައްޔަރުކުރިއެވެ. އެ ދެމީހުންގެ ބަންދަށް ޖެހި 30 ދުވަސް ހަމަވުމުން ރާއްޖެއަށް ނާދެވޭ ގޮތަށް ވަނީ ޑީޕޯޓްކޮށްލައިފައެވެ.