ކ.ގުރައިދޫގައި ޕީޕީއެމްއާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދެ މީހެއްގެ ބޯ ފަޅާލައިފިއެވެ.
މިއަދު ހަވީރު މި ހަމަނުޖެހުން ހިންގީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގަންނަވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ނުކުތުމުންނެވެ.
އެ މުޒާހަރާގެ ބައިވެރިންނާއި މުޢިއްޒަށް މަރުހަބާ ދެންނެވުމަށް ނުކުމެ ތިބި އިދިކޮޅުގެ ސަޕޯޓަރުންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކުރުމުގެ ސަބަބުން އެކަން ބޮޑު ހަމަނުޖެހުމަކަށްވެ ދެބައި މީހުންގެ މެދުގައި ވަނީ މާރާމާރީ ހިންގައިފައެވެ.
އެ މާރާމާރީގައި އެމްޑީޕީއާއި ޕީޕީއެމްގެ ދެ ސަޕޯޓަރެއްގެ ބޯ ފަޅައިލިއެވެ.
ފުލުހުން ބުނީ ގުރައިދޫގައި ދެބައެއްގެ މެދުގައި މިއަދު ހިނގި ހަމަނުޖެހުމެެއްގައި ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.