ރައްޔިތުންގެ ސިއްހީ ދުޅަހެޔޮ ކަމަށް އެކި އިދާރާތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު އާދިލް އެ ފަދައިން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގުޅިގެން “ އޯލް ހޭންޑްސް އޮން ޑެކް“ އެންސީޑީ އެޑްވޮކަސީ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
އާދިލް ވިދާޅުވީ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ކުރިމަތިވާ ބޮޑެތި ބަލިތަކުގެ މައްސަލައަކީ ސަރުކާރުގެ ސަމާލު ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އައިސްފައިވާ ކަމެއް ކަމަށާއި އެގޮތުން ހަކުރު ގިނަ ބުއިންތަކާއި ސުޕާރިއާ އެ ނޫންވެސް ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކާމެދު ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ.
ގައިން ގަޔަށް ނާރާ ބަލިތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށާއި ގައިން ގަޔަށް ނާރާ ބަލިތަކަކީ ތިމާ މީހާގެ އަމިއްލަ އަމަލުތައް ބަހައްޓާ ގޮތުން ދިމާވާ ކަމެއް ކަމަށާއި ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުންނާއި ނިޒާމީ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށް އާދިލް ވިދާޅުވިއެވެ.
ޕަބްލިކް ހެލްތް ފަންޑް އެކްޓިވޭޓް ކުރެވި އެ ފަންޑަށް ފައިސާ ހޯދާ ޖަމާކުރުމުގެ މަގުފަހި ކުރެވިފައިވާ ކަމަށް ވެސް އާދިލް ވަނީ ވިދާޅުވެފައެވެ.
”އޯލް ހޭންޑްސް އޮން ޑެކް“ އެންސީޑީ އެޑްވޮކަސީ ފޯރަމްގެ ބޭނުމަކީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި 2030އާ ހަމައަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން އެކުގައި މަސައްކަތްކުރާނެ ގޮތްތަކެއް ކަނޑައެޅުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ދެމެހެއްޓެނިވި ތަރައްގީގެ އެއް ލަނޑުދަނޑި ކަމުގައިވާ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާމީހުންގެ ނިސްބަތް 3 ބައިކުޅަ 1 ބަޔަށް 2030 ވަނަ އަހަރުގެ ކުރިން މަދުކުރުން ހިމެނޭ ކަމަށެވެ.
އެ ލަނޑުދަނޑި ހާސިލްކުރުމުގައި ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ގުޅިފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ކަމަށް އެޗްޕީއޭއިން ބުނެވެ.