އިސްލާމިކް މިނިސްޓްރީން އޭނާގެ އިމާމުކަން ކުރުމުގެ ހުއްދަ ހިފަހައްޓައިގެން އުޅޭތާ ފަސް އަހަރުވަނީ ކަމަށް ވިދާޅުވެ ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޢަލީ ރަމީޒް މިއަދު ވަނީ އިސްލާމިކް މިނިސްޓްރީން 2010 އޮކްޓޫބަރު 11 ގައި އޭނާއަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދުކުރުމުގެ ހުއްދައިގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާ ކުރައްވައިފައެވެ.

“މ.ވައްތިޔަރަގެ / މާލެ. އަލްފާޟިލް ޢަލީ ރަމީޒު (A034027) އަކީ އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ގާބިލުކަން ހުރި މީހަކަށްވާތީ އޭނާއަށް މާލެ, އަތޮޅުތަކުގެ ރަށްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދީފީމެވެ.“ އޭރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވައި ދޫކޮށްފައިވާ ހުއްދައިގައި ވެއެވެ.
މި ހުއްދައިގެ ފޮޓޯ ހިއްސާކުރައްވައި ޢަލީ ރަމީޒް ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ އިސްލާމިކް މިނިސްޓްރީން އަޅުގަނޑުގެ އިމާމުކަން ކުރުމުގެ ހުއްދަ ހިފަހައްޓައިގެން އޮވެ 5 އަހަރުގެ ދައުރެއް ނިމިގެން މި ދިޔައީ“ ކަމަށެވެ.
ޢަލީގެ މި ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓާފައިވަނީ ވަކި ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.