ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅު އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަަހަރުގެ ފިރިހެނެކެވެ.
އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ދިރިއުޅޭ ތަނުން 1.185 ކިލޯ ކެނަބިސްއާއި 28 ގްރާމް ޑައިމޯފިން ވަނީ ފެނިފައެވެ.
”ދިރިއުޅޭ ތަނުން މަސްތުވާތަކެތި ކުދިކޮށް ބަންދުކުރުމަށް ބޭނުންކުރާ ތަކެއްޗާއި އާލަތްތައް ފެނިފައިވޭ. ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ގޮތުގައި ސީންގައި ފެނުނު ބައެއް ތަކެއްޗަށް މީނާ އިއުތިރާފުވެފައިވޭ.“ ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެއެވެ.
މި މައްސަލާގައި އޭނާގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ.