ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މއ.ނައިޓްވިލާ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށް ޒަރީރަށް ހަމަލާދިން މައްސަލާގައި އިބްރާހީމް ޢަބްދުﷲ ގެ އިތުރުން ދެ މީހަކު ހައްޔަރުކުރިއެވެ.
ކްރިމިނަލް ކޯޓުން އެ ތިން މީހުން ވެސް ބަންދުން ދޫކޮށްލުމުން އެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ ޕީޖީއިން އެ ނިންމުން ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަަލަ ބެލުމަށްފަހު މި މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން ބުނީ އެ މީހުން ބަންދުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށާއި އެ މީހުން ބަންދުކުރަން ފަސް ދުވަސްތެރޭގައި ހުށަހަޅައިފިނަމަ ބަންދާމެދު ގޮތެއް ނިންމަން އަމުރުކުރާ ކަމަށެވެ.
އެގޮތުން އިބްރާހީމް ޢަބްދުﷲ އާއި އިތުރު އެކަކު އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.