ތިލަމާލެ ބުރިޖުގެ ތަނބުތައް ކަންޑަށް ފެއްތުމުގެ މަސައްކަތް އިއްޔެގެ ފަށައިފި އެވެ.
މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ބުނީ ދެވަނަ ޖެކަޕް ޕްލެޓްފޯމް ”މަހާރާޖާ“ ވަނީ ”މަހާރާނީ“ ޖެކަޕް ޕްލެޓްފޯމާއެކު މާލެ އާއި ވިލިނގިއްޔާއި ދެމެދު މެރިން ޕައިލިންގެ މަސައްކަތް ފަށާފައި ކަމަށެވެ.
އަދި ތަނބުތައް ކަނޑުގައި ހަރުކުރުމުގެ މަސައްކަތް ފެށިއިރު ބްރިޖުގެ ސުޕާ ސްޓްރަކްޗާގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ހާމަކުރެއެވެ.
ތިލަމާލެ ބްރިޖު މަސްރޫޢުއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޯންސް ކުންފުންޏާއެވެ.
ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެއް ކަމަށެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ފަހުން ދީފަ އެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.