ބޮލީވުޑްގެ ކާމިޔާބު ކޮމެޑިއަން ފިލްމު ”ވެލްކަމް“ގެ 3 ވަނަ ބައެއް ނެރެން އުޅޭ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
ބޭރުގެ މީޑީއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު އަންނަ އަހަރުގެ ޑިސެމްބަރުގައި ސިނެމާ ތަކަށް ގެނެވޭނެ ކަމަށާއި އަދި ފިލްމުގެ ޝޫޓިން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މި ފިލްމު ލީޑް ރޯލުން ފެނިގެން ދާނީ ފިލްމުގެ ފުރަތަމަ ބައިން ވެސް ފެނިގެން ދިޔަ އަކްޝޭ ކުމާރު ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އަކްޝޭގެ އިތުރުން ޖެކުއެލިން ފެނާންޑޭޒް، ދިޝާ ޕަޓާނީ އަދި ސުނިލް ޝޭޓީ ވެސް ފެނިގެން ދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
2007 ވަނަ އަހަރުގައި ނެރުން ”ވެލްކަމް“ އަކީ ބޮކްސް އޮފީހުގައި ކާމިޔާބުކަން ހޯދާފައިވާ ފިލްމެކެވެ. ހެއްވާ މަޖާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމުގެ ދެވަނަ ބައެއް ނެރިފައިވަނީ 2015 ގައެވެ.